03 Nov 2014, 12:43
ކެލްސިއަމް އަކީ ދަތްތަކާއި ހަށިގަނޑުގައި ހެދެމުންނާއި ފީވަމުން އަންނަ ކަށިތައް ވަރުގަދަކޮށްދޭ މިނަރަލްއެކެވެ. ލޭ މަނާކުރުމަށް އެހީވާ އަދި މަސްގަނޑާއި ނާރުތަކަށް ވެސް އެހާމެ ގިނަ ފައިދާތަކެއް ލިއްބައިދޭ ކެލްސިއަމް އަކީ ލޭގައި އެސިޑާއި އެލްކަލައިން އެއް މިންވަރެއްގައި ބަހައްޓާ ކޮންޓްރޯލް ކުރުމަށް އެހީވާ މިނިރަލްއެއް ވެސް މެއެވެ.
ކޮންމެ މީހަކު ވެސް ހަށިގަނޑަށް ކެލްސިއަމް ފޯރުކޮށްދޭން އެންމެ ފުރަތަމަ ވެސް ބޯލާނީ ކިރުތައްޓެކެވެ. ސަބަބަކީ އެންމެނަށް ވެސް ހީވެފައިވާ ގޮތުގައި ކިރަކީ އެންމެ ގިނައިން ކެލްސިއަމް އެކުލެވޭ ބުއިމަކަށް ވުމުންނެވެ. ކިރަކީ އެންމެ ގިނައިން ކެލްސިއަމް އެކުލެވޭ އެއްޗެއް ކަމަށް ހީވެފައިވާ ހީވުމަކީ ކުށްހީއެކެވެ. އެއަށް ވުރެ ގިނައިން ކެލްސިއަމް އެކުލެވިގެންވާ ކާނާ ހުރެއެވެ.
ޖޯޑެއްގެ ކިރުގައި ހުންނަނީ ހަމައެކަނި 300 މިލިގުރާމް ކެލްސިއަމް އެވެ. އަދި ގެރީގެ ކިރުގައި ހުންނަ ކެލްސިއަމްއަކީ ހަށިގަނޑަށް ދަމައިގަންނަން ވަރަށް އުނދަގޫއެއްޗެކެވެ. ނުވަ އަހަރާއި 18 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް 1300 މިލިގްރާމް ކެލްސިއަމް ބޭނުންވާނެ އެވެ. އަދި 19 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށް ދުވާލަކު 1000 މިލިގްރާމް ކެލްސިއަމް ބޭނުންވާ އިރު 50 އަހަރުން މަތީގެ މީހުންނަށް ދުވާލަކު 1200 މިލިގްރާމް ކެލްސިއަމް ބޭނުންވާނެ އެވެ.
މިލިޔުމުގައި ކިޔާލަދީފައި ވާނީ ކިރުން ނޫން ގޮތަކަށް، ކިރަށް ވުރެ މާގިނައިން އެއްފަހަރާ ކެލްސިއަމް ހަށިގަނޑަށް ލިބޭނެ ތަފާތު ފަސް ވައްތަރެއްގެ ކާނާގެ ވާހަކަ އެވެ.

އެންމެ ފުރަތަމަ ބަލައިލާނީ މާލޭގެ ބަޒާރުގައި އަބަދުހެން ލިބެން ހުންނަ ފެހިކަން ގަދަ ފަތެއް ކަމަށްވާ ކޭލް ނުވަތަ ކޮޕީފަތަށެވެ. ތިނެއް ބައި ޖޯޑުގެ ކޮޕީފަތުގައި 315 މިލިގްރާމް ކެލްސިއަމް އާއި އޭގެއިތުރުން ހަށިގަނޑަށް ފައިދާވާ އެތަކެއް ވިޓަމިންސް އާއި މިނަރްލްސް ވެސް އެކުލެވިގެންވެ އެވެ. ކަށިތައް ވަރުގަދަ ކުރުމަށް ކެލްސިއަމްގެ އިތުރުން ބޭނުންވާ އެހެން ދެ މިނަރަލްއެއް ކަމަށްވާ ފޮސްފަރަސް އާއި މެންގަނީޒް ވެސް އެކުލެވިގެންވާ ކޮޕީފަތަކީ ބަތާއި ގަރުދިޔަ ކާއިރު ސެލެޑެއްގެ ގޮތުގައި ކާލަން ވަރަށް މީރުއެއްޗެކެވެ.

ދެން ބަލައިލާނީ ކެއުމުގައި ބޭނުންކުރަން ވަރަށް ރަނގަޅު ފެހިކަންގަދަ ފަތްޕިލާވެއްޔެއް ކަމަށްވާ ސްޕިނެޗު ނުވަތަ ބޯވެއްޔަށެވެ. ޖޯޑެއްގެ ފުރެންދެން ބޯވެލި އަޅައިފި ނަމަ އޭގައި 244.8 މިލިގުރާމް ކެލްސިއަމް ހުންނާނެ އެވެ. ގިނަ ފަހަރު ބޯވެލި ކެއުމުގައި ޖޯޑަކަށް ވުރެން ގިނައިން ބޭނުންކުރެވޭނެ އެވެ. އެހެންވުމުން ކިރުޖޯޑަކަށް ވުރެ ގިނައިން ކެެލްސިއަމް ބޯވެލިން އަހަރުމެންނަށް ލިބެ އެވެ. ކެލްސިއަމްގެ އިތުރުން ކަށިތައް ބޮޑުވުމަށް އެހީވެ ހުޅުހުޅުގައި ހުންނަ ފަށަލަތައް ވެސް ވަރުގަދަކުރުމަށް މުހިންމު މިނަރަލްއެއް ކަަމަށްވާ މެންގަނީޒް ވެސް ބޯވެލީގައި ހުރެ އެވެ.

ތިން ވަނަ އެއްޗަކަށް މިބަލާލަނީ ކޮލާޑް ގްރީންސް ނުވަތަ ފަތްޕިލާވެއްޔަށެވެ. މިބައިގައި ކެބެޖު، ޓާނިޕް ގްރީންސް، ލެޓިއުސް އަދި ބްރޮކޮލީ ވެސް ހިމެނޭނެ އެވެ. މިބާވަތުގެ ފަތްޕިލާވެލީގެ ދެޖޯޑުން އެކަނި ވެސް 452.2 މިލިގްރާމް ކެލްސިއަމް ހަށިގަނޑަށް ލިބެ އެވެ. ވިޓަމިންސް ބީސިކްސް އާއި ދަގަނޑުން މުއްސަނދިވެފައިވާ ފަތްޕިލާވެއްޔަކީ މިކްސްޗަރުން ގިރާލައިގެން ވެސް އޮލަކޮށް ހުންނަ ޖޫހެއް (ސްމޫތީއެއް) ގޮތަށް ވެސް ބޯލެވޭނެ އެއްޗެކެވެ. އަދި އެޖޫހުގައި ހުންނަ ހިތި ރަހަ ކަނޑުވާލަން އޮރެންޖެއް ކޮށާލާފައި އަޅާލުމުން ރަހަމީރުވެގެންދާނެ އެވެ. އެގޮތަށް ހިތްހަމަނުޖެހެންޔާ މަސްކޮޅަކާއި އެއްކޮށްލައިގެން ރޮއްޓާ ޖައްސައިގެން ވެސް ކާލެވޭނެ އެވެ.

ދެން ބަލާލާނީ ސެސަމީ ސީޑްސް ނުވަތަ ތިލެޔޮ އޮށަށެވެ. ތިލެޔޮ އޮށަކީ ކެލްސިއަމް އިން ފުރިފައިވާ އޮށެކެވެ. ސެލެޑަކަށް އަޅާލައިގެން ނުވަތަ ކުޑަކޮށް ފިހެލައިގެން ކެވޭ މިއޮށުގެ ޖޯޑެއްގެ ހަތަރު ބައިކޮޅު އެއް ބައިގައި ވެސް 351 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. ތިލެޔޮ އޮށުން ހަދާފައިވާ ޕޭސްޓެއްކަމަށްވާ ޓަހީނީ ޕާނުގައި ހާކައިގެން ވެސް ކެވިދާނެ އެވެ. އޭގެ އިތުރުން ތިލެޔޮ އޮށުން ހަދާފައި ހުންނަ ކައްކާތެޔޮ ބޭނުންކޮށްގެން ކެއްކުމުން ވެސް ހަށިގަނޑަށް ކެލްސިއަމް ލިބޭނެ އެެވެ.
އެންމެ ފަހު ކާނާ އަކަށް މިބަލާލަނީ އޯގޭނިކް ޔޯގަޓް ނުވަތަ ޕްލެއިން ޔޯގަޓަށެވެ. މިވައްތަރުގެ ޔޯގަޓަކީ އެއްވެސް ފްލޭވާއެއް ނުވަތަ އިތުރު އެއްވެސް އެއްޗެއް ނާޅާ ހުންނަ ޕްލެއިން ޔޯގަޓެވެ. ޕްލެއިން ޔޯގަޓުގެ ޖޯޑެއްގައި އެކަނި ވެސް 447.4 މިލިގްރާމް ކެލްސިއަމް އެކުލެވިފައިވާނެ އެވެ. ޕްލެއިން ޔޯގަޓަކީ ގެއްލުން ލިބިފައިވާ ކަޑިތައް ފަސޭހަކޯށްދިނުމަށް އެހީވާ އަދި އާ ވަރުގަދަ ކަށި ހެދުމަށް ވެސް އެހީވާ އެއްޗެކެވެ.
މިލިޔުމުގައި ކިޔާދީފައިވާ ކާނާގެ އިތުރުން ވެސް ކެލްސިއަމް ގިނައިން ލިބޭ ކާނާ ހުންނާނެ އެވެ. ނަމަވެސް މިލިޔުމުގައި ކިޔާލަދީފައިވާ ކާނާ އަކީ އެއްވެސް ވަރަކަށް ކިރު ނުހުންނަ ބާވަތްތަކެކެވެ. އަދި މިބާވަތުގެ ކާނާ ކިރައް އެލާޖިކް ނުވަތަ 'ލެކްޓޯސް އިންޓޮލަރަންޓް' ކުދިންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.
މައުލޫމާތު: ހެލްތް ޑައިޖެސްޓް