ގއ. ވިލިނގިލީގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ގޮތްޕެއް ހުޅުވައިފި އެވެ.

އިއްޔެ ވިލިނގިލީގައި ޕީޖީ އޮފީހުގެ ގޮފި ހުޅުއްވައި ދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ. އެ ރަށުގައި ޕީޖީ އޮފީހުގެ ގޮފި ހުޅުވާފައި ވަނީ އަތޮޅު ކައުންސިލްގެ އިދާރާގެ ތެރޭގަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު ސަން އަށް ވިދާޅުވީ ވިލިނގިލީގައި ހުންނަ ޕީޖީ އޮފީހުގެ ގޮތްޕަށް އެ އަތޮޅުގައި ގާއިމުކޮށްފައިވާ ހުރިހާ ތަހުގީގީ އިދާރާތަކުން ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅުގައި ގއ. އަތޮޅުގެ ރައްޔިތުން ގާނޫނީ ގޮތުން ހޭލުންތެރިކޮށް އެ އަތޮޅަކީ ކުށްމަދު މުޖުތަމައުއަކަށް ހެދުމަށް އެގޮފިން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އެ އޮފީހުގެ ބައެއް ޕްރޮސިކިއުޓަރުންނާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސޯދިގާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާއި ގއ. އަތޮޅު ކައުންސިލަރުންނާއި ވިލިނގިލީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ގއ. އަތޮޅުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވާފައިވާ އިރު ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ބ. އޭދަފުއްޓާއި ލ. ފޮނަދު އާއި ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައި ވެސް އެ އޮފީހުގެ ގޮތްޕެއް ހުރެ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ ހިތަދޫގައި ހުރި ޕީޖީ އޮފީހުގެ ގޮފީގައި ހުޅުޖަހައި ބަޔަކު ވަނީ އަންދާލާފަ އެވެ.