ނަސްރުގެ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވަންތަ ކަމަށް އުނިކަމެއް އަތުވެދާ ފަދަ ކަންކަމުން ދުރުވެ ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ރައީސް އޮފީހުން މިއަދު އާއްމުކޮށްފައިވާ ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި ބިރުވެރި އުދުވާނީ ހަމަލާއަކީ ފަހަކަށް އައިސް ރާއްޖެ އަށް ކުރިމަތިވި އެންމެ ބިރުވެރި ހަމަލާ ކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާ އަކީ ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެންދާނެ ހާދިސާއެއް ނޫން ކަމަށާއި އެ ހާދިސާގެ ބިރުވެރިކަން މިއަދު ވެސް ދިވެހިންގެ ހިތްތަކަށް ވަދެގެންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ނަސްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، ދިވެހި ރާއްޖެ އަށް މާޒީގައި ކުރިމަތިވި ކޮންމެ އުދުވާނެއް ކުރިމަތިވެފައި ވަނީ، އެކަމުގައި ދިވެހިންގެ ތެރެއިން ގައުމާއި ދީނަށް ލޯތްބެއް ނެތް، ގައުމަށް ހިޔާނާތްތެރިވި ހާއިނުންގެ ބަޔަކު ޝާމިލުވެގެންކަން އަބަދު ވެސް ހަނދާންކުރަން ޖެހޭނެ ކަމަށެވެ. އަދި މާޒީން އިބްރަތް ހާސިލުކޮށް، ދީނާއި ގައުމަށް ލޯބިކުރާ މީހަކަށް ވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސްގެ ހިތާބުގައި ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"ނަސްރުގެ ދުވަހުގެ ޒިކުރާ އާކުރަމުންދާ އިރު، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަމަށް އުނިކަމެއް އަތުވެދާ ފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވެ ތިބުމަކީ، ވަރަށް މުހިންމު ކަމެކެވެ. ބޭރުގެ އެކި ފަރާތްތަކުން ފޯރުވުމަށް މަސައްކަތް ކޮށްފާނެ އެކި ނުފޫޒުތަކާ ދޭތެރޭގައި، އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ސަމާލުވެ އެވެ. ރާއްޖޭގެ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ދިފާއު ކުރުމުގެ މަތިވެރި އަޒުމުގައެވެ.،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ހިތާބުގައި 3 ނޮމެބްބަރުގެ އުދުވާނީ ހަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމާއި، ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ރާއްޖޭގެ ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ފާހަގަކުރައްވާފައިވެ އެވެ.

"ދިވެހި ގައުމުގެ މިނިވަންކަމަށް ޖިހާދު ކުރައްވައި، މިނިވަންކަން ރައްކާތެރި ކުރައްވައި، އެ އެދުވާނީ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ އަބްތާލުން އެކުރެއްވި ޖިހާދަށް ފަހުރުވެރިވާ ހާލު، އެހުރިހާ ބޭފުޅުންގެ ފުރާނަ އަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.،" ރައީސްގެ ހިތާބުގައިވެ އެވެ.

ރައީސް ވިދާޅުވެފައިވަނީ 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި، މާތްﷲގެ ވާގިފުޅާ އެކު، ދިވެހިންނަށް ނަޞްރު ލިބުނީ، ދިވެހި ރައްޔިތުން އެދުވަހު ދައްކައިދިން އެކުވެރިކަމާއި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި އެންމެން އެއް އަޑަކުން، އެއް ފިކުރެއްގައި ތިބެ ކުރި މަތިވެރި ދުޢާއިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ދިވެހި ތާރީހުގައި ވެސް ދިވެހިން ކުރިމަތިލާންޖެހުނު އެންމެ ބިރުވެރި އެއް ހަމަލާއަށް ފަހު، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތާ ބެހޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މައުމޫން އަބްދުލްގައްޔޫމާއި، ސިފައިންގެ ޒައާމަތުގައި ތިއްބެވި ބޭފުޅުންގެ ދުރު ވިސްނުންފުޅާ އެކު، ސިފައިންގެ ކަންތައްތަކަށް އަވަސް ހެޔޮ ބަދަލުތަކެއް ގެންނަވައިފަައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

"ސިފައިންގެ ތެރެއަށް ތައުލީމީ ޒުވާނުން ވައްދައި، ދީނީ ލޯތްބާއި ގައުމީ ރޫޙު އަށަގަންނުވައި، ގައުމުގެ ދިފާއުގައި ފަސްނުޖެހި ކުރިމަތިލާނެ ގާބިލު ޒުވާން ލަޝްކަރެއް މިއަދު ވަނީ އެކުލަވައިލެވިފަ އެވެ. އަދި މިހާރު ވެސް ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނުތައްދީ، އަސްކަރީ ފަރިތަކުރުންތައް، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ދަނީ ހިނގަމުންނެވެ." ރައީސް ޔާމީންގެ ވިދާޅުވެފައިވެ އެވެ.