03 Nov 2014, 10:47
ތިމާވެށި ހިމާޔަތްކުރެއްވުމަށް ޓަކައި ގައުމުތަކުގެ ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ "މިޝަން ބްލޫ"އިން ދެމުން އަންނަ"ސިލްވިއާ އާލް މިޝަން ބްލޫ އެވޯޑު" އަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮމިނޭޓްވެ އެ އެވޯޑާ ހަވާލުވެވަޑައިގަތުމަށް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
އެ އެވޯޑާ ހަވާލުވެވަޑައިގަތުމަށް މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ގައުމަށްވާ އިރު، ރާއްޖެއަކީ ފަރުގެ ސަރަހައްދު އެންމެ ގިނަ އެއް ގައުމު ކަމަށެވެ. އަދި ދުނިޔެ އަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަރުތަކަށާއި ފަޅުތަކަށް އަންނަ ބަދަލުތަކަށް ވިސްނަން ޖެހޭ ކަމަށް ނަޝީދު ވދާޅުވި އެވެ.
"މިފަހަރުގެ މި ދަތުރުގައި ވީ މިންވަރަކުން ރާއްޖޭގެ ނާޒުކު މާހައުލާއި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ގޮތުން ހޭލުންތެރިކުރެވޭތޯ ވީ މިންވަރަކުން މަސައްކަތްކުރާނަން،"ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އެވޯޑް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ، ފްލޮރިޑާގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
ނަޝީދު މިއަދު މީޑީއާއާ މުހާތަބު ކުރައްވައި ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެސް ސަރުކާރުން ހުށަހަޅާފައި ވަނީ ގާނޫނުގެ ބޭރުން ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން މި ސަރުކާރު ކުރާ އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާ ކުރައްވާތަނެއް ނުފެންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޓޫރިސްޓުން އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ނިންމުމުން އެކަމަށް ފާޑުވިދާޅުވެ، ނަޝީދު ވިދާޅުވީ ޓެކްސް ނަގާ ވަކި މިންވަރެއް ކޮންމެ ކަމަކަށް ވެސް އޮންނަން ޖެހޭ ކަމަށެވެ. އަދި ޓެކްސް އިތުރު ކުރުމަކުން ދައުލަތުގެ އާމްދަނީއެއް ވަކި އިތުރުވާނެ ކަމަކަށް ނުފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރަށް އެނގިވަޑައިގަންނަވަންވީ އެންމެ ބޮޑު ހަގީގަތަކީ ޓެކްސް އިތުރުކުރުމަކުން ނެތްކަން ދައުލަތުގެ އާމްދަނީއެއް ވަކި އިތުރުވާނެ ކަމަކަށް. ޓެކްސް އިތުރު ކުރީމާ ވިޔަފާރިތަކަށް ވެސް އޭގެ އަސަރުކުރާނެ. މިހާރު އައްޑު އަތޮޅަށްދާ މަތިންދާ ބޯޓުގެ ދަތުރެއް އަގުބޮޑުވެގެން މިދަނީ ކޮޅުބަށް ދިއުމަށްވުރެ.،" ނަޝީދު ވިދާޅުވި އެވެ.