03 Nov 2014, 10:16
ލާހޯރު (ނޮވެމްބަރު 3) : ޕާކިސްތާނާއި އިންޑިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިން ޕާކިސްތާނުގެ ފަޅީގައި އިއްޔެ ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 55 މީހުން މަރުވެ 120 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
މިބޮން ގޮއްވާލާފައި ވަނީ ޕާކިސްތާނާއި އިންޑިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޕާކިސްތާނުގެ ލާހޯރުގެ ރަށްފުށު ހިސާބެއްގައިވާ ރެސްޓޯރެންޓަކަށް އަމާޒުކޮށްގެންނެވެ. މިއީ އެދެގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް މީހުން ދަތުރުކުރާ ޕޮއިންޓެއްކަމަށް "ވާގާ" ޕޮއިންޓާ އެންމެ 500 ވަރަކަށް މީޓަރު ދުރުގައިވާ ރެސްޓޯރެންޓެކެވެ. މި ބޮން ގޮއްވާލާާފައި ވަނީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށް ބެލެވޭ ކަމަށް ޕާކިސްތާން ފުލުހުން ބުނެ އެވެ.
ބޮމުގެ މިޙަމަލާދިން ވަގުތު އެރެސްޓޯރެންޓްގައި ތިބީ ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ އިތުރުން ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިޔާއަށް ދިޔުމަށް ތައްޔާރަށްތިބި އާންމުން ކަމަށްވެ އެވެ. އާންމުންގެތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށްވެ އެވެ. ބޮންގޮއްވާލި ވަގުތަކީ އެރެސްޓޯރެންޓްގައި މީހުން ތޮއްޖެހިފައިވާ ވަގުތެއްކަމަށްވެސް ޕާކިސްތާނުގެ އަމަނާބެހޭ ފަރާތްތަކުން ބުނެ އެވެ.

ބޮމުގެ މިޙަމަލާގައި އެރެސްޓޯރެންޓްގެ އިމާރާތް މުޅިން ހަލާކުވެ އެއިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުގައި އެތައް ބަޔަކު ވަޅުލެވި ގެއްލިފައިވާ އިރު ޒަޚަމްވެފައިވާ މީހުންގެ އަދަދު ވެސް 120 އަށްވުރެ މަތި ކަމަށް ޕާކިސްތާނުގެ އަމަނާ ބެހޭ ފަރާތްތަކުން ބުނެ އެވެ. މިހާދިސާގައި ޒަޚަމްވީ ބައެއްމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް ފަހުގައި ވެސް މަރުވެފައިވާ އިރު ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާޙާލުގައިވާ އެތައް ބަޔަކު ހިމެނޭތީ މަރުވި މީހުންގެ އަދަދު މިއަށްވުރެ ވެސް މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ޚަބަރުތައް ބުނެ އެވެ.
ހަށިގަނޑުގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެން ހުރި މީހަކު އަމިއްލައަށް މަރުވެގެން ދިން ކަމަށް ބެލެވޭ ބޮމުގެ މިޙަމަލާގެ ޒިންމާ ފުރަތަމަ އުފުލާފައި ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ. ތާލިބާނުންގެ ތަރްޖަމާނަކު ބުނެފައި ވަނީ މިއީ ޕާކިސްތާން ސިފައިން އެޖަމާއަތާ ދެކޮޅަށް ވަޒީރުސްތާނުގައި ހިންގަމުންގެންދާ އަސްކަރީ ހަރަކާތްތަކަށް ބަދަލުހިފުމުގެ ގޮތުންދިން ޙަމަލާއެއްކަމުގަ އެވެ. ނަމަވެސް އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި އެހެން ޖަމާއަތެއް ކަމަށްވާ "ޖުންދުﷲ" ޖަމާއަތުންވެސްވަނީ މިޙަމަލާގެ މަސްއޫލިއްޔަތު އުފުލާފަ އެވެ.
"ޖުންދުﷲ" ޖަމާއަތުގެ ތަރްޖަމާނެއް ކަމަށްވާ އަޙްމަދު މުރްވަތު ބުނީ މިއީ އެޖަމާއަތާ ދެކޮޅަށް އީރާނުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ޕާކިސްތާނުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެއް ކަމަށާއި މިފަދަ އިތުރު ޙަމަލާތައް ޕާކިސްތާނުގެ އިތުރުން އީރާނާދެކޮޅަށް ވެސް މުސްތަގްބަލްގައި ދެމުން ގެންދާނެ ކަމުގަ އެވެ. މި ޓެރަރިސްޓް ޙަމަލާގެ މަސްއޫލިއްޔަތު އުފުލި ތާލިބާން ޖަމާއަތާއި ޖުންދުﷲ ޖަމާއަތަކީ ވެސް ޕާކިސްތާނުގައި ބޮންގޮއްވުމާއި މީހުން މެރުމާއި މަގުފޭރުމުގެ ޖަރީމާތައް ހިންގުމުގައި ހަރަކާތްތެރިވާ ދެ ޖަމާއަތެެވެ. ހަނގުރާމަ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މަގުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ވެސް ޕާކިސްތާން ސަރުކާރުން މިދެ ޖަމާއަތުގެ މައްޗަށް ކޮށްފައިވެ އެވެ.
"ޖުންދުﷲ" ޖަމާއަތަކީ އާންމު ގޮތެއްގައި ޕާކިސްތާނާއި އީރާން ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. ނަމަވެސް ބަލޫޗިސްތާނުގައިވާ އެ ދެ ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އީރާނުގެ ފަޅިއަށްވަދެ އީރާނުގެ އެތެރޭގައިވެސް ޖުންދުﷲ ޖަމާއަތުން ޓެރަރިޒަމްގެ ޙަރަކާތްތައް ހިންގަމުން ގެންދެ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ޝިޔައީންގެ މިސްކިތްތަކުގައި ބޮން ގޮއްވުމާއި ޕާކިސްތާން ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ޙަމަލާތަކުގެ ޒިންމާވެސް ޖުންދުﷲ ޖަމާއަތުން އުފުލާފައިވެ އެވެ. (ރޮއިޓާސް)