03 Nov 2014, 10:12
ގާހިރާ (ނޮވެމްބަރު 3): އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ހުރްމަތް ކަނޑައި އެމިސްކިތަށް ނަމާދަށްދާ ފަލަސްތީނު ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން އިސްރާއީލުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކާއި ގޯނާކުރުންތައް ހުއްޓާލުމަށް އަރަބި ލީގުން އިސްރާއީލަށް ގޮވާލައިފި އެވެ.
އިސްރާއީލުގެ ސިޔާސީ ފަރާތްތަކެއް އިސްކޮށްތިބެގެން ޔަހޫދީ ހަރުކަށި އެކްޓިވިސްޓުންނާ އެކު މަސްޖިދުލްއަގްސާގެ ހަރަމްފުޅުގެ ތެރެއަށް އިއްޔެ ވަދެގަނެ ހިންގި ޖެއްސުމުގެ އަމަލުތަކާ ގުޅިގެން އަރަބި ލީގުން ނެރުނު ބަޔާނެއްގައި މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ހުރްމަތް ކެނޑުމަށް ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަކީ އިސްރާއީލު ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ހިންގަމުންގެންދާ ޖަރީމާތަކެއް ކަމަށް ބުނެފައިވެ އެވެ.
އަރަބި ލީގުގެ ބަޔާނުގައި، ހައްދު ފަހަނަޅާފައިވާ ޔަހޫދީން މަތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް ތަކުރާރުކޮށް ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމަށް އިސްލާމީ ދުނިޔެއަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައިވެ އެވެ.
އިސްރާއީލުގެ ޕާލަމެންޓްގެ ނައިބު ރައީސް މޯޝޭ ފިގިލީން އިއްޔެ ވަނީ އޭނާ އަށް ތާއީދުކުރާ ހައްދުފަހަނަޅާފައިވާ ޔަހޫދީންގެ އެތައްބަޔަކާ އެކު މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ތެރެއަށް ވަދެގަނެ އެމުގައްދަސް ބިނާއަށާއި އެތާނގައި ނަމާދުކުރާ މީހުންނަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގާފަ އެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާ އެކު ހައްދުފަހަނަޅާފައިވާ ޔަހޫދީން ހިންގި މިއަމަލުތަކާ ގުޅިގެން މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގައި ނަމާދުކުރަންތިބި މީހުންވަނީ އެކަމާދެކޮޅަށް ތެދުވެ އަކަން ހުއްޓުވުމަށް މަސައްކަތްކޮށްފަ އެވެ.
އިސްރާއީލުގެ ޕާލަމެންޓްގެ ނައިބު ރައީސް އިސްކޮށް ހުންނަވައިގެން މަސްޖިދުލްއަގްސާ އާ ދެކޮޅަށް ހިންގި މިޖަރީމާތަކާގުޅިގެން ގުދްސުގައާއި ހުޅަނގު އައްސޭރީގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ރައްޔިތުންވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރުން މަސްޖިދުލްއަގްސާ މިނިވަން ކުރުމަށް ގޮވާލައި އިސްރާއީލުގެ ސިފައިންނާާ ކުރިމަތިލާފަ އެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ އެތަށްބަޔަކު ޒަޚަމްކޮށްލާފަ އެވެ. (ރޮއިޓާސް)