ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓްކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑު މައުންޓުކޮށްފައި ވަނީ ދިދަ ޕާޓީންނެވެ. ދިދަ ވެރިން ދިދަ ޖަހައި ގާޑު މައުންޓުކޮށް، ނޮވެންބަރު ތިންވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ ބޭކަލުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހަމަ ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަހުމަދު އަޙްމަދު މުޙައްމަދު ވަނީ އާކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް އާއްމުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީގައި މިއަދު ހަވީރު 16:15ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސައިލެންޓް ޑްރިލްއަކީ އެއްވެސް އަމުރަކާއި ނުލާ، ހަތިޔާރާ އެކު ހެވިކަމުގެ ޚާއްސަ ޙަރަކާތްތައް ދައްކާލުމެވެ. މިއީ ވަރަށް ހުށިޔާރުކަމާއި ޖެހިލުންކުޑަކަމާ އެކު ހަށިގަނޑުގެ ވަށައިގެންނާއި ބޯމަތިން ހަތިޔާރު އުކާ، އެކަކު އަނެކަކަށް ހަތިޔާރު ބަދަލުކޮށް، ހެވިކަމުގެ ވަރަށް ބޮޑު އިތުބާރަކާއި ގާބިލްކަން ފެނިގެންދާ ހެވިކަމުގެ ޚާއްޞަ ހުނަރުތަކެއްގެ މައްޗަށް އެކުލެވިފައިވާ ޙަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިއީ އަސްކަރީ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ހިމެނޭ އަސްކަރީ ޝަރަފުވެރި ޙަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.