03 Nov 2014, 01:22
މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ ލަނޑެއްޖަހައި ކުރިހޯދާފައި ވަނިކޮށް، ފަހު ހާފުގެ ފަހު ހަ މިނިޓް ތެރޭގައި ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްގެން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެ އެވެ.
ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އެސްޓަން ވިލާ މި މެޗަށް ނުކުމެފައި ވަނީ އެޓީމުން އެންމެ ފަހުން ކުޅުނު ފަސްމެޗުގައިވެސް ގޯލެއް ނުޖެހި ބަލިވެފައިވާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން ޓޮޓެންހެމް ވަނީ މި ދެޓީމް އެންމެ ފަހުން ބައްދަލު ކުރި ފަސް މެޗުވެސް ބައިކޮޅަށް ގޯލެއް ވަނަނުދީ ވިލާ ބަލިކޮށްފައެވެ.
ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޭމް ޑޮމިނޭޓް ކޮށްފައިވަނީ ޓޮޓެންހަމް ކަމުގައި ވިއަސް، މެޗުގެ 13ވަނަ މިނިޓްގައި ކްރިސްޓިއަން ބެންޓެކޭގެ ބާރު ޝޮޓަކުން ޓޮޓެންހެމްގެ ގޯލްދަނޑި ވަނީ ގުޑުވާލާފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ވިލާގެ ޓޮޓެންހަމްގެ ގޯލް ހުޅުވާލައި މެޗުގެ ކުރި ހޯދައިފައެވެ. 16 ވަނަ މިނިޓްގައި ވިލާއަށް ލަނޑު ޖަހައި ދިނީ އެންޑްރިއަސް ވެއިންމަން އެވެ.
މިހާފްގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ވާއިރު، ހާފް ނިމިގެން ދިޔައީ 1-0 އިން ވިލާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ އޮއިވަރު ބަދަލުވީ 20 މިނިޓުގައި ވިލާގެ ބެންޓެކޭއަށް ސީދާ ރަތެއް ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ، ޓޮޓަންހެމްގެ މިޑްފީލްޑަރު ރަޔަން މޭސަންއަށް ހަމަލާދިނުމުންނެވެ.
ބެންޓެކާއަށް ރަތްކާޑު ދެއްކުމާ ގުޅިގެން އެއް ކުޅުންތެރިއަކު މަދުން ކުޅެމުން އައި ވިލާގެ ގޯލަށް ޓޮޓަންހެމްއިން ވަނީ އެކިފަހަރުމަތިން ނުރައްކާކޮށް، މެޗުގެ ފަހު ހަމިނެޓުތެރޭ އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައެވެ. 84 ވަނަ މިނިޓްގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައި ދިނީ ނޭސާ ޝެޑްލީ އެވެ. އަދި ޓޮޓަންހެމްއަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ 90 ވަނަ މިނިޓްގައި ހެރީ ކޭން އެޓީމަށް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
މި ނަތީޖާއާއިއެކު އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލްގައި ޓޮޓެންހަމް 14 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލިއިރު، 10 މެޗުން ލިބުނު 10 ޕޮއިންޓާއެކު ވިލާ އޮތީ ތާވަލުގެ 15 ވަނައިގައެވެ.