މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައެއް ހަރަކާތްތައް ތ. ދިޔަމިގިލީގައި ވަރަށް ކުލަގަދަކޮށް މިރޭ ފަށައިފި އެވެ.

ދިޔަމިގިލީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ވިޝާމް މިރޭ 'ސަން' އަށް ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ 9:00 ގައި އެރަށުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ހަވާއެރުވުން އޮތްކަމަށެވެ.

ނަސްރުގެ ދުވަހާ ގުޅޭ ޚާއްސަ ފޮޓޯ މައުރަޒެއް މާދަމާ ހެނދުނު 'ދިޔަމިގިލީ ގަނޑުވަރު'ގައި އޮންނާނެ ކަމަށާއި އެ މައުރަޒު ފައްޓަވައިދެއްވާނީ ތ. އަތޮޅު ކައުންސިލްގެ ރައީސް އާދިލް އިބްރާހީމް ކަމަށް ވިޝާމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ، އެ ފޮޓޯ މައުރަޒުގައި ނަސްރުގެ ދުވަހު ޝަހީދުވި މީހުންގެ ފޮޓޯތަކާއި އެދުވަހު ގެންގުޅުނު ބަޑިތަކާއި އެދުވަހު ބާޣީން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ހުންނާނެ ކަމަށެވެ.

މާދަމާ ހަވީރު 4:00 ގައި ދިޔަމިގިލީ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ކުޑަކުންދިގެ ހަވީރު ފައްޓަވައިދެއްވާނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ އެރަށުގެ ކުރީގެ ބޮޑުކަތީބު ހުސައިން ހަސަން މަނިކު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ދިޔަމިގިލީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވާ ސިފައިން -- ފޮޓޯ: މޫސާ މަނިކު

ވިޝާމް ވިދާޅުވީ އެމްއެންޑީއެފްގެ ފަރާތުން އެ ހަވީރުގައި، 3 ނޮވެމްބަރު 1988 ވަނަ ދުވަހު ބޭނުންކުރި ބަޑިތައް ދައްކާލާނެ ކަމަށެވެ. އަދި ފުލުހުންނާއި ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާއި އެރަށު ސްކޫލާއި ޕްރީ ސްކޫލްގެ އިތުރުން ދިޔަމިގިލީ 'އެކްސް' ޖަމިއްޔާ އާއި ޒުވާނުންގެ ދިރުމާއި ސަލާމް ޖަމިއްޔާއާއި ދިޔަމިގިލީ ބޯޓު ޔާޑާއި އެރަށުގެ ވިޔަފާރިވެރިންގެ ސްޓޯލްތަކެއް ކުޑަކުދިންގެ ހަވީރުގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަސްރުގެ ދުވަހާގުޅިގެން ދިޔަމިގިލީގައި ކުރިއަށް ގެންދާ ހަރަކާތަކުގެ ތެރެއިން -- ފޮޓޯ: މޫސާ މަނިކު

ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ޔުނީފޯމްގައި ކުޑަކުދިން ފޮޓޯ ނެގުން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ ދިޔަމިގިލީގައި ބާއްވަން ވަނީ ހަމަޖައްސާފައެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ޝަރަފުވެރިކޮށްދެއްވާ އެ ޖަލްސާގައި އެމްއެންޑީއެފްގެ އައްޑަނަ މަޖައްލާ ނެރުން އޮންނާނެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިޔަމިގިލީގެ މަގުތަކުގައި ވަނީ ތަފާތު ޝިޢާރުތައް ލިޔެފައިވާ ބެނާތައް ދަމާފައި -- ފޮޓޯ: މޫސާ މަނިކު