02 Nov 2014, 23:50
އިންގްލިޝް ޕްރިމިއާ ލީގްގައި މިރޭ ކުޅުނު ފޯރިގަދަ 'ޑާބީ' މެޗުގައި 10 ކުޅުންތެރިންނާ އެކު ކުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 ލަނޑުން މެންޗެސްޓާ ސިޓީ ކުރި ހޯދައިފި އެވެ.
މި މެޗުގެ ނަތީޖާއާއެކު ސިޓީ ވަނީ 10 މެޗު ކުޅެގެން 20 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލްގެ ދެވަނައިގައި 22 ޕޮއިންޓާއެކު ސައުތެމްޓަން އޮތް އިރު، ތާވަލްގެ އެންމެ ކުރީގައި 26 ޕޮއިންޓާއެކު އަދިވެސް އޮތީ ޗެލްސީ އެވެ.

މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: ބީބީސީ
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗްގެ ފުރަތަމަ އެގާރައަށް ދެޓީމުންވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި މެޗް ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް ސިޓީގެ ކޮލަރޯވްއަށް ލިބުނު އަނިޔާ އެއްގެ ސަބަބުން، ސިޓީއަށްވަނީ ފަހު ވަގުތުގައި ވެސް ބަދަލެއް ގެންނަން ޖެހިފައެވެ.
ފުރަތަމަ ހާފްގެ 15 މިނެޓް ކުޅެވުނު އިރު އެއްވެސް ޓީމަކަށް މެދުތެރޭން ރަނގަޅު ޕާސްތަކެއް ދެވޭގޮތެއް ނުވިއެވެ. ނަމަވެސް ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް، ޔުނައިޓަޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއެ ފޮނުވާފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ކްރިސް ސްމޯލިންއަށް ރެފްރީ ރަތްކާޑު ދައްކަނީ -- ފޮޓޯ: ބީބީސީ
މެޗްގެ އޮއިވަރު ބަދަލުވީ 39ވަނަ މިނެޓުގައި، ޔުނައިޓަޑްގެ ކްރިސް ސްމޯލިންއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލުމާ ގުޅިގެނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް، ކޯޗް ވެން ހާލްއަށް ވަނީ އޭނާގެ ގޭމް ޕްލޭން ބަދަލުކޮށް، އަވަސް ބަދަލެއް ގެންނަން މަޖުބޫރު ވެފައެވެ.

މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: ބީބީސީ
މެޗުގެ ދެވަނަ ހާފް ސިޓީއިން ފައްޓާފައި ވަނީ ވަރަށް ވަރުގަދަ ކޮށެވެ. އެގޮތުން ސިޓީގެ މިންނެތް މަސައްކަތުގެ ނަތީޖާއަކަށްވީ، މެޗުގެ 63 ވަނަ މިނިޓުގައި ޔުނައިޓަޑްގެ ގޯލް ދާގަނޑުތެރެއަށް ބޯޅަ ފޮނުވާލުމެވެ. މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީނީ، ކްލިޗީގެ ރީތި ޕާހަކުން އެޓީމްގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.
މެޗުގެ ލީޑު ނެގުމަށްފަހު ސިޓީއިން ވަނީ ޔުނައިޓަޑްގެ ޑިފެންސަށް ވަރުގަދަޔަށް ޕްރެޝާ ކޮށްފައެވެ. މި ހާފްގެ ފަހު 15 މިނެޓްތެރޭ ޔުނައިޓަޑުންވެސްވަނީ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްތެރޭގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.

މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: ބީބީސީ
ސިޓީން މިރޭ ހޯދި ކާމިޔާބަކީ، މި ދެޓީމުގެ ވޭތުވެ ދިޔަ ހަތަރު ކުރިމަތި ލުމުގައި ޔުނައިޓެޑްގެ މައްޗަށް ސިޓީއަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.
މި ސީޒަންގައި އާ ކުޅުނުތެރީން ހޯދުމަށް 150 މިލިއަން ޕައުންޑު ހަރަދުކުރި މެންޗެސްޓާ ޔުނައިޓެޑް މިރޭގެ މެޗުން ބަލިވުމުން ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ. މިއީ ތާވަލުގެ ނުވަ ވަނައިގައި އޮތް އެވަޓަންއާއި، 11 ވަނައިގައި އޮތް ވެސްޓްބްރޮމްއާއި 12 ވަނައިގައި ނިއުކާސަލް ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަ އަދަދެކެވެ.