26 Jan 2011, 14:22
އަންނައަހަރުގެ މެދުތެރޭގައި ބާއްވާ އޭ ސީ ސީ ކްރިކެޓް މުބާރާތުގައި ވާދަކުރުމަށްޓަކާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ތައްޔާރުވާން ފަށައިފި އެވެ.
ޓީމުގެ ކޯޗު އަދި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ޖެނެރެލް ސެކްރެޓަރީ އިމާދު އިސްމާއީލް ވިދާޅުވީ ދުރާލާ ޓީމު ތައްޔާރުވާން ފެށީ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭތީ ކަމަށެވެ. "ކްރިކެޓް ޓީމުތައް އަބަދުވެސް ދުރާލާ ތައްޔާރުވާނެ. ނަމަވެސް އެންމެ ފަހު މުބާރާތުން މި ލިބުނު ކާމިޔާބީ ދެމެހެއްޓުމަށާއި އަދި ކުދިން މިކަމުގެ ތެރޭގައި ހަރަކާތްތެރި ކުރުވުމުގެ ގޮތުން އަވަހަށް މި ޕްރެކްޓިސް ފެށީ" އިމާދު ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ ޕްރެކްޓިހަށް އެވްރެޖްކޮށް 18 ކުޅުންތެރިން ހާޟިރުވާ ކަމަށާއި އޭގެ ތެރޭގައި ގިނައިން ހިމެނެނީ 19 އަހަރުންދަށުގެ ޓީމުގެ ކުޅުންތެރިން ކަމަށެވެ. "ސީނިއަރ ހަތަރު ފަސް ކުޅުންތެރިއަކުވަރު އާދޭ. ނަމަވެސް އަންނަ އަހަރުގެ ޓީމުގައި ހަމަ ގިނައިން ހިމެނޭނީ މިހާރު 19 އަހަރުންދަށުގެ ޓީމުގައި އެތިބަ ކުޅުންތެރިން." އިމާދު ވިދާޅުވީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޕްރެކްޓިސް މެޗެއްވެސް ކުޅެމުންދާ ކަމަަށެވެ.
މިިދިޔަ ޑިސެމްބަރ މަހު ބޭއްވި އޭ ސީ ސީ ޓްރޮފީ ޗެލެންޖްގައި ރާއްޖެއިން ވާދަކުރި ޓީމު ވަނީ ފައިނަލުގައި ސައުދީ އަރަބިޔާ ބަލިކޮށް ތަށި ހޯދާފައެވެ. މި ކާމިޔާބުގެ ސަބަބުން ކްރިކެޓް ޓީމުވެފައިވަނީ މި ސަރަހައްދުން ބޭރުން ރާއްޖެއަށް ތައްޓެއް ގެނެސްދިން ފުރަތަމަ ޓީމަށެވެ. މި ކާމިޔާބީ ސަރުކާރުން ވަނީ ޤައުުމީ ފެންވަރެއްގައި ފާހަގަކޮށްފައެވެ.