02 Nov 2014, 22:47
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މިހާރު ގިންތިކޮށް ދަރަޖަކޮށްފައިވާ އިރު ހެލްތު މިނިސްޓްރީގެ އުންމީދަކީ އަންނަ އަހަރުގެ މެދާހަމައަށް ދާންވާއިރަށް ރާއްޖޭގައި ތިން ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހެލްތު ކެއާ ޑެލިވަރީ ސިސްޓަމް އާންމު ކުރުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި 300 ނުވަތަ 200 މީހުން އުޅޭ ރަށެއްގައި ޓާޝަރީ ހޮސްޕިޓަލެއް ހުރުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި ނަމަވެސް އަންނަ އަހަރުގެ މެދާ ހަމައަށް ދާންވާއިރަށް މުޅި ރާއްޖޭގައި ތިން ޓާޝަރީ ހޮސްޕިޓަލް ހުރުމަކީ މިނިސްޓްރީގެ އުންމީދެއް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުދެވޭނެ 200 ނުވަތަ 300 މީހުން އުޅޭ ރަށެއްގައި ޓާޝަރީ ހޮސްޕިޓަލެއް ހުރުމަކަށް. މިގޮތަށް ގްރޭޑް ކުރެވުނީމަ އެރަށެއްގެ އާބާދީގެ ނިސްބަތަށް، ބަލިމަޑުކަމަށް އަދި ދިރިއުޅުމަށް ބެލެވިގެން ޑޮކްޓަރުންނާ ނަރުހުން ހަމަޖެހިގެން ދަރަޖަކުރެވިގެން ދާނެ. މިގޮތައް ދަރަޖަ ކުރެވިގެންދާ އިރު އަޅުގަނޑެމެންގެ އުންމީދަކީ އަންނަ އަހަރު މެދުތެރޭގައި ރާއްޖޭގައި ތިން ޓާޝަރީ ހޮސްޕިޓަލް ހުރުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، މިހާރު ހޮސްޕިޓަލްތައް ގިންތިކުރެވިފައިވާ ގޮތައް ބަލާއިރު އައިޖީއެމްއެޗަކީ ޓާޝަރީ ހޮސްޕިޓަލެއް ކަމަށެވެ. އަދި އަންނަ އަހަރު ސ. ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލަކާ ހަމައަށް ދިއުމާއި ހދ. ކުޅުދުއްފުށީގައި 24 ގަޑިއިރު ފުރިހަމައަށް ޚިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ގްރޭޑް އެކެއް އަދި ދޭއްގެ ގިންތީގެ ފަސް ހޮސްޕިޓަލް މިހާރު ރާއްޖޭގައި ހުރި އިރު ގްރޭޑް ތިނެއްގެ 11 ހޮސްޕިޓަލް ގާއިމްކުރެވިފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގްރޭޑް އެކެއްގެ 28 ސިއްހީ މަރުކަޒާއި ގްރޭޑް ދޭއްގެ 35 މަރުކަޒާއި ގްރޭޑް ތިނެއްގެ 134 މަރުކަޒެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޖަޕާނު އަދި ދުބާއީން މިއަހަރު ލިބޭ އިކުއިޕްމަންޓް ތަކާއި ހިލޭ އެހީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.18 ބިލިއަން ރުފިޔާ ހިމަނައި މަޖިލީހައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު އެ އުންމީދަށް ވާސިލްވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.