ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ލޮނު ބޭނުންކުރުމަކީ ސިއްޚީ ގޮތުން ގެއްލުން ހުރި ކަމެކެވެ. އެހެންނަމަވެސް ލޮނަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރަށް ހަށިގަނޑު ރީތި ކުރުމަށް ވެސް ބޭނުން ކުރެވިދާނެ ބާވަތެކެވެ. އަދި ޚާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ލޮނު ފެނަކީ ތަދު އެއްޗެއްކަމުގައި ނުވާނެ އެވެ.

ލޮނު ފެނަކީ އޭގައި މިނަރަލްސްގެ ބާވަތްތައް ކަމުގައިވާ މެގްނީޒިޔަމް، ކެލްޝިޔަމް، ޕޮޓޭސިޔަމް އަދި ސޯޑިޔަމް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިފަދަ މިނަރަލްސްތަކަކީ ހަންގަނޑު ރީތިކޮށް ބަހައްޓަން ވަރަށް މުހިންމު ބާވަތްތަކެކެވެ. އަދި ހަންގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ކުރިމަތިވަނީ ހަށިގަނޑުން މިނަރަލްސްގެ މިބާވަތްތައް މަދުވުމުންނެވެ.

އެގޮތުން މި ލިޔުމުގައި ބަލައިލާނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި ލޮނު ބޭނުންކޮށްގެން ކުރެވިދާނެ ތަފާތު ކަންތައްތަކަށެވެ.

ލޮނަކީ ދަތްތައް ހުދުކޮށް އަދި ސާފުކުރުމަށް ބެނުންކުރެވިދާނެ ބޭހެކެވެ. އޭގައި ހިމެނޭ ގުދުރަތީ ފްލޮރައިޑް އަކީ ދަތްތަކުގެ އިތުރަށް ހިރުގަނޑަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މި ބޭނުންކުރުމަށް ޓަކައި އެއް ސަމުސާ ލޮނުގެ ތެރެއަށް ދެ ސަމުސާގެ ބެކިންގް ޕައުޑަރު އެއްކޮށްލުމަށް ފަހު ޕޭސްޓްއެއް ހަދާށެވެ. އެއަށް ފަހު ބުރުސް ބޭނުންކޮށް މި ޕޭސްޓް އިން ދަތްއުގުޅާށެވެ. އަދި ލޮނުރަހަ މަޑުކުރައްވަން ބޭނުންފުޅު ނަމަ ދަތްއުގުޅުމަށް ބޭނުންކުރައްވާ ބޭސްކޮޅެއް މިއަށް އިތުރުކޮށް ލެވިދާނެ އެވެ. ހަމަ އެއާއެކު އެއް ސަމުސާ ލޮނާއި އެއްސަމުސާ ބޭކިންގް ޕައުޑަރު ފެންތައްޓެއްގެ ތެރެއަށް ގިރާލުމަށް ފަހު އަނގަ ދޮވުމުން އަނގައިން ނުބައި ވަސްދުވުމުން ދުރުކޮށްދީ އަދި އަނގައިގެ ތެރޭގައި ހުންނަ ނުރައްކާތެރި ބެކްޓީރިޔާތައްވެސް ނައްތާލަ އެވެ.

މޫނުގެ ހަންގަނޑު ރީތިކުރުމަށް ވެސް ލޮނު ބޭނުންކުރެވިދާނެ އެވެ. އެގޮތުން ދެސައިސަމުސާގެ މޫދު ލޮނު އަދި މާމުއި އެއްކޮށްގެން ޕޭސްޓެއް ހަދައި މޫނުގައި ލުމަށްފަހު މަޑުމަޑުން އިނގިލިތަކުން ވަށްކޮށް މޫނުގައި މަސާޖު ކޮށްލާށެވެ. އަދި 15 ނުވަތަ 20 ވަރަކަށް މިނިޓް ފަހުން ދޮވެލުމުން ރަނގަޅުވާނެ އެވެ. އޭރުން ހަންގަނޑަށް ލިބިފައި ހުންނަ ގެއްލުންތައް ފޫބެއްދުމަށް އެހީވުމުގެ އިތުރުން ހަންގަނޑު އޮމާންވާނެ އެވެ. އަލްމަންޑް ނުވަތަ ކާށިތެލާއި އެކު ލޮނު އެއްކޮށްލުމަށް ފަހު އެފެނުން ހަށިގަނޑު ދޮވެލުމުން ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ލިބި ހަންގަނޑު ސާފުވެގެންދާނެ އެވެ. ލޮނުގައި ހިމެނޭ މިނަރަލްސްތަކަކީ ހަންގަނޑު ސާފުކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ ބާވަތަތްކެކެވެ.
ދިވެހިންނަކީ ގިނަވަގުތު މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން ފައިތިލައަށް ދޭންވާ އަޅާލުން ނުދެވިފައިވާ ބައެކެވެ. ފައިތިލައަށް ލިބިފައިވާ ވަރިބަލިކަން ފިލުވައިލުމަށް ހޫނުފެން އަދި ލޮނު އެއްކޮށްލުމަށް ފަހު އޭގެތެރެއަށް ފައިތިލާށެވެ.
މައުލޫމާތު:ހެލްތްމީއަޕް