02 Nov 2014, 22:29
ގދ. ތިނަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ތޮށްޓަކާއި އާޓިފިޝަލް ހޭޅިއެއް ލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކުރި ، ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަަސައްކަތް މިއަދު ފަށްޓަވައި ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިޤު އިބުރާހީމެވެ.
ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖެފް)އިން ލިބިފައިވާ މާލީ އެހީގެ ތެރެއިން 35.5 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތިނަދޫގެ އުތުރު ފަރާތް ހިމާޔަތް ކުރުމުގެ ގޮތުން ހިންގާ އެ މަޝްރޫއުގައި ހިމެނެނީ 950 މީޓަރުގެ ދިގު މިނުގެ ސަރަހައްދެއްގައި ޖިއޯ ބޭގްސް ޖެހުމާއި އާޓިފިޝަލް ހޭޅިއެއް ލުމެވެ.
ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އަޖުމަބެލުމުގެ މަޝްރޫއެއް (ޕައިލެޓް ޕްރޮޖެލްޓް) އެކެވެ.
އަދި އެ މަސައްކަތުގެ ނަތީޖާ އަށް ބަލާ އިތުރު ރަށްރަށުގައި އައްސޭރިފަށް ޙިމާޔަތްކުރުމަށް މިފަދަ ތިމާވެއްޓާއި ރައްޓެހި ހައްލު ހޯދުމަކީ މަޝްރޫޢުގެ އަމާޒެއް ކަމުގައި މިނިސްޓްރީން ބުންޏެވެ.
"... ގާތްގަނޑަކަށް 950 މީޓަރު ދިގު ސަރަހައްދެއްގައި ސޮފްޓް ކޯސްޓަލް ޕްރޮޓެކްޝަން މެޝާގެ ދަށުން ޖިއޯބޭގްސް ޖަހައި އަދި އޭގެ އެތެރެއަށްވާ ފަރާތުގައި އާޓިފިޝަލް ހޭޅިއެއް، 10 މީޓަރު ފުޅާ އާޓިފިޝަލް ހޭޅިއެއް ތައްޔާރުކޮށް އަދި އޭގެ އިތުރަށް ހޭޅީގެ އެތެރެ އަށް ޑްރައިނޭޖް ސިސްޓަމެއް ވެސް ލެވި ތައްޔާރު ކުރެވޭ ޕްރޮޖެކްޓެއް،" އެއްބަސް ވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު ތޯރިގު އޭރު ވިދާޅުވި އެވެ.