ދެހާސް ބާރަ ވަނަ އަހަރު ކުޑަހުވަދޫގައި މަރާލި، އެ ރަށު ސަމަންދަރު އަލީ ހަސަން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާއުފުލި އެ ރަށު ފަނަސް ފައުޒާން މުހައްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ބަލާ އިރު، އައްޔުބޭ މަރާލީ ފައުޒާންކަން ޝަރީއަތަށް ސާބިތުކުރެވޭވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ފައުޒާންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އޭނާ އިތުރު ބަޔަކު ގުޅިގެން އައްޔުބެ މަރާލުމަށް ރާވައި 2012 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ 00: 7 އެހައިކަންހާ އިރު، އެ ރަށު ދަނޑި މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް އައްޔުބެ އަށް ހަމަލާދިނުމަށް ފަހު، ފަހު އެ މަގުގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްދައި އައްޔުބެ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އައްޔުބެ މަރާލި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް އައްޔުބެ މަރާލުމުގައި ބައިވެރިވި ދެ ކުއްޖަކު މެރުމަށް އެ ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ.