އ.ދގެ ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ (ސީޓެޑް( އާއި ގްލޯބަލް ސެންޓާ އޮން ކޯޕަރޭޓިވް ސެކިއުރިޓީ ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ޖަޖުންނަށާއި، ޕްރޮސެކިއުޓަރުންނަށާއި ޕޮލިސް އޮފިސަރުންނަށް އަމާޒުކޮށްގެން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ބޭއްވޭ ސަރަހައްދީ ނުވަވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އެމެރިކާ އާއި ޑެންމާކްގެ އެހީތެރިކަމާއިއެކު، މިމަހުގެ ދޭކުން ހަތަރަކަށް، ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަފުޅުގައި، ޓެރަރިޒަމްގެ ވަބާއަކީ މިހާރު މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ވަބާއެއްކަން ފާހަގަކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ހުރިހާ ގައުމުތައް އެއްބައިވެގެން މެނުވީ އެދެވޭ ދާއިމީ ހައްލެއް ނުހޯދޭނެކަމަށް ވިދާޅުވި އެވެ.

އދ. ގެ އޮނިގަނޑުގެ ތެރެއިންނާއި، އަދި ސަރަހައްދީ އެކިއެކި ނިޒާމުތަކުގެ ތެރެއިން މިފަދަ ބައްދަލުވުންތައް އިންތިޒާމުކުރެވި، ކަމުގެ މާހިރުންނާއި ތަޖުރިބާކާރުން އެއްތަންކުރެވި، މައުލޫމާތު ބަދަލުކުރެވޭނެ ގޮތްތައް ހޯދައިދިނުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު އެއްދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، އަދުގެ ސަލާމަތީ އަދި އިސްތިރާޖީ މަޝްރަހުގައި، އެއްވެސް ގައުމަކަށް ޓެރަރިޒަމްގެ ބިރުވެރިކަން ކުރިމަތި ވުމަކީ ނާދިރުކަމެއްކަމަށް ގަބޫލްކޮށްގެން ތިބެވެން ނެތްކަމަށާއި، ދިވެހިރާއްޖެއަށްވެސް މިނުރައްކާތެރިކަން މިހާރު އެކިއެކި ގޮތްގޮތުން ކުރިމަތިވެފައިވާ ކަމަށެވެ.

ކައުންޓާ ޓެރަރިޒަމްގެ ސަރަޙައްދީ ނުވަވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިޕާޓްމަންޓް އޮފް ކައުންޓާ ޓެރަރިޒަމްގެ ޑައިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި މި ބައްދަލުވުމުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ގާނޫނީ ފަރާތްތަކާއި ލޯ އެންފޯރސްމަންޓް އޮފިސަރުން އަދާކުރައްވާ ރޯލަކީ ވަރަށް މުހިންމު ރޯލެއްކަން ފާހަގަކުރައްވައި، މި ބައްދަލުވުމުގެ ސަބަބުން މިސަރަހައްދުގެ ޖަޖުންނާއި، ޕްރޮސެކިއުޓަރުން އަދި ޕޮލިސް އޮފިސަރުންގެ ގާބިލްކަން އިތުރުވެ، މައުލޫމާތު ބަދަލުކުރެވި، ގުޅުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި އ.ދގެ ކައުންޓާ ޓެރަރިޒަމް އެގްޒެކެޓިވް ކޮމިޓީ ޑައިރެކްޓްރޭޓްގެ ހެޑް އޮފް ސެކްޝަންއާއި، ގްލޯބަލް ސެންޓާ އޮން ކޯޕަރޭޓިވް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖޭސަން އައިޕް، އާއި ނޭޕާލްގެ އެމްބެސެޑަރު ޝަމްބޫ ސިމްކާޑާ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ ޕްރޮސިކިއުޓަރެއްކަމުގައިވާ ލޮލީޓަ ލުކޯސޭ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި ސާރކް ގައުމުތަކުގެ ޖަޖުންނާއި، ޕްރޮސެކިއުޓަރުންނާއި ޕޮލިސް އޮފިސަރުންގެ އިތުރުން، އ.ދ ގެ އޮފީސް ފޯރ ޑިފެންސް ކޯރޕަރޭޝަންއާއި، ސީޓެޑް އަދި ގްލޯބަލް ސެންޓަރގެ މާހިރުންނާއި ތަޖުރިބާކާރުންނާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ.