02 Nov 2014, 19:08
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަލުވުމާއެކު ޖެހިގެންއައި ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖަހައި އަންދާލި މައްސަލައާ ގުޅިގެން ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ފުރުސަތުދީފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދީފައެވެ.
އަދި ދައުވާ ލިބޭ މީހުން ދައުވާއަށް އިންކާރުކުރާތީ އެކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމަށް އެމީހުންނަށް ވެސް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން ލިޔުމުން ހެކި ހުށަހެޅުމަށް ކޯޓުން ވަނީ ފުރުސަތުދީފައެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އަންހެނަކު ޝަރީއަތަށްފަހު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ޕޮލިސްޓޭޝަނާއި ތިނަދޫ ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:30އާ ހަމައަށް ބައިބަޔަށް ބަހާލައިގެން 70 އަށް ވުރެ ގިނަ މީހުންގެ ޝަރީއަތް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުން ޝަރީއަތަށް ހާޒިރު ވެފައިނުވާ އިރު، އޭގެ ތެރޭގައި ތިނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ސަނީފް ވެސް ހިމެނިވަޑައިގަންނަވައެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ސަނީފްގެ އިތުރުން އެ ދައުވާ އުފުލާފައިވާ ކައުންސިލަރުންނަކީ ގދ. ތިނަދޫ އަބުހަރީއާގޭ ސައުދު އަލީ އާއި އެރަށު ސަނީޑޭލް ގުސައްޔު އަބްދުﷲ އާއި އެރަށު ފައިވްސްޓާ އަލްމާސް ޒުހައިރެވެ. އެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެއެވެ. ޝަރީއަތަށް ހާޒިރުނުވެ ކޯޓަށް ފިލައިގެން އުޅުނު ދެ މީހަކު މިއަދު ވަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްފައެވެ.
އެ ދެ މީހުންނަކީ އެރަށު މިސްކިތެއްގެ މުދިމެއް ކަމުގައިވާ ގދ. ތިނަދޫ ތެދުއުއި އަހްމަދު ޞާދިގު އާއި އެރަށު ނޫރާނީގޭ މުހައްމަދު އަބްދުﷲ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓަށް ހާޒިރުވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި (ޅ)އާ ހަވާލާދީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)ގައި ވަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމަށެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓަށް ހާޒިރުވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް