02 Nov 2014, 17:50
ޔޫރަޕްގެ ގައުމެއްކަމަށްވާ ރުމޭނިއާގައި 400 ފުޓުބޯޅަ ދަނޑު އެޅުމަށާއި މިހާރު އެގައުމުގައި ހުރި ފުޓުބޯޅަ ދަނޑުތައް މަރާމާތުކުރުމަށް ރުމޭނިއާގެ ސަރުކާރުން ނިންމައިފި އެވެ.
ރުމޭނިއާގެ ހަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ 'ރުމޭނިއާ އިންސައިޑާ'އާ ހަވާލާދީ ބީބީސީ އިން ބުނީ ރުމޭނިއާގައި 400 އާ ފުޓުބޯޅަ ދަނޑު އެޅުމަށާއި މިހާރު ހުރި ފުޓުބޯޅަ ދަނޑުތައް މަރާމާތުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވިކްޓާ ޕޮންޓާ ވިދާޅުވެފައިވާ ކަމަށެވެ.
އޭގެއިތުރުން ރުމޭނިއާގައި ހުންނަ ކޮންމެ ސްކޫލެއްގެ ތާވަލުގައި އެއް ގަޑިއިރު ފުޓުބޯޅަ ކުޅުމަށް ހާއްސަކުރަން އަންގާނެކަމަށް ވެސް ރުމޭނިއާގެ ބޮޑުވަޒީރު ވިދާޅުވި ކަަމަށް އެނޫހުން ބުނެފައިވެ އެވެ.
ބީބީސީން ބުނީ، ރުމޭނިއާގައި އެފަދަ ބޮޑެތި އިންތިޒާމުތަކެއް ހަމަޖެހިފައިވަނީ ފުޓުބޯޅައިގެ ގަދަ މުބާރާތެއްކަމަށްވާ 'ޔޫރޯ 2020 ޗެމްޕިއަންޝިޕް'އަށް ތައްޔާރުވުމުގެ ގޮތުންކަމަށެވެ. އަދި ޔޫރޯ 2020ގެ ހަތަރު މެޗެއް ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ހުންނަ ނެޝަނަލް އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެނޫހުން ބުންޏެވެ.