ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް އެޓީމު ދޫކޮށްލަން އުޅޭފަދަ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި، މެންޗެސްޓާ ސިޓީއިން އޭނާ އެޓީމަށް ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

"ފްރޭންކް ލަންޕާޑް ފަދައިން، ޖެރާޑްއަކީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް. އޭނާއަށް މަތީ ފެންވަރެއްގައި އަދި ދެ ވަރަކަށް އަހަރު ކުޅެވިދާނެ،" ސިޓީގެ ކޯޗް ޕެލެގްރީނީ ބުންޏެވެ.

ގިނަދުވަސްތަކެއް ވަންދެން ލިވަޕޫލަށް ކުޅެމުންއައި އުމުރުން 34 އަހަރުގެ ޖެރާޑް ވަނީ އެޓީމް ދޫކޮށްލަން ޖެހިދާނެ ކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ. ލިވަޕޫލާއެކު ޖެރާޑް ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ މެދުތެރޭގައި ހަމަވާނެ އެވެ. އެހެންކަމުން އޭނާއާއެކު އާ އެއްބަސްވުމެއް ނުހަދައިފިނަމަ، އޭނާ އެހެން ޓީމަކުން ފެނުމުގެ ފުރުސަތު އެބޮތްކަމަށް ސްޕޯޓްސް މެއިލަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

"އަހަރެން ކުޅުންތެރިން ރޭޓް ކުރަނީ އުމުރަށް ބަލާފައެއް ނޫން. އަހަންނަށް މުހިންމީ ކުޅުންތެރިންގެ އަގާއި ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ކުޅެވޭނެ މުއްދަތު،" ޕެލެގްރީނީ އިތުރަށް ބުނެފައި ވެއެވެ.

ސިޓީއިން ޖެރާޑްއާ ދޭތެރޭ ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން، ލިވަޕޫލުން ވަނީ ޖެރާޑްގެ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ޔަގީންކަން އޭނާއަށް ދިނުމަށް އަވަސްވެގެންފައެވެ.

"އަހަރުމެންގެ ޓީމުގައި ޖެރާޑް ބަހައްޓަން ވަރަށް ބޭނުން. އޭނާއަކީ ވަރަށް ކުޅަދާނަ ކެޕްޓަނެއް. އެވާހަކަ ވާނީ ވެރިންނާ ހަމައަށް ގެންގޮސްފައި،" ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުންޏެވެ.

ޖެރާޑަކީ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީއްސުރެ ލިވަޕޫލަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭގެ އިތުރުން އޭނާވަނީ އިންގްލެންޑްގެ ގައުމީ ޓީމުގައި 114 މެޗް ކުޅެ، އެ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައެވެ.