02 Nov 2014, 17:41
އިނގިރޭސި ކްލަބް ޗެލްސީގެ ދަނޑު 'ސްޓެމްފޯޑް ބްރިޖް'ގައި ކުޅުމެކޭ ހުހަށް ހުރި ސްޓޭޑިއަމެއްގައި ކުޅުމެކޭ އެއްފަދަ ކަމަށް ބުނެ ޗެލްސީގެ ސަޕޯޓަރުންނަށް އެ ކްލަބްގެ ކޯޗު ހޯޒޭ މޮރީނިއޯ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ސްކައި ސްޕޯޓްސްއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ، ސްޓެމްފޯޑް ބްރިޖްގައި އެއްވެސް ދިރުމެއްނުވާ ކަމަށާއި އެ ދަނޑުގައި ކުޅޭއިރު ހީވަނީ އެއްވެސް ބަޔަކު ނެތް ހުސް ސްޓޭޑިއަމެއްގައި ކުޅޭހެން ކަމަށެވެ.
" އެތާނގައި ކުޅެމެކޭ ހުހަށް ހުރި ދަނޑެއްގައި ކުޅުމެކޭ އެއްފަދަ. ހީވަނީ ހުރިހާ އެންމެން ތިބެނީ ނިދާފަހެން މެޗު ކުޅެމުންދާއިރު. ހުރިހާ އެންމެންނަށް އިނގޭނެ މިކްލަބާއި ކްލަބުގެ ސަޕޯޓަރުންނާއި އަހަރެން ގުޅެން ބޭނުންވާ މިންވަރު. އެހެންކަމުން އަހަރެން ބޭނުން ސަޕޯޓަރުންންވެސް ޓީމާ ގުޅިގެން އުޅެން. ވާ އެއްޗަކީ މިހާރު ވަރަށް އުނދަގޫ ހޯމްގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެން،" މޮރީނިއޯ ބުންޏެވެ.
މިހެން ކަންތައްތައް ދިމާވުމުން 'ހޯމް' މެޗުތަކުގައި އެޓީމުގެ ކުޅުންތެރިންނަށް އަސަރު ކުރާ ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ޓީމަށް ރަނގަޅު ތަރުހީބަކާއި ހިތްވަރު ލިބުމަކީ ކުޅުންތެރިންގެ 'ކޮންފިޑެންސް ލެވްލް' މަތި ވުމުގެ އިތުރުން ނަތީޖާ ބަދަލުކުރުމަށްވެސް ލިބޭ އެހީ އެއް ކަމަށް މޮރީނިއޯ ބުންޏެވެ.
" އަމިއްލަ ދަނޑުގައި ކުޅޭއިރު އެޓީމެއްގެ ސަޕޯޓަރުންގެ ފަރާތުން ލިބެންޖެހޭ ތަރުހީބު ނުލިބޭނަމަ އޭގެ އަސަރު ދަނޑުމަތީގައި ކުޅެން ތިބޭ ކުޅުންތެރިންނަށް ކުރާނެ ޔަގީނުންވެސް. ނަތީޖާ ރަނގަޅުކޮށް ކުޅުންތެރިންގެ ކޮންފިޑެންސް ބޫސްޓް ކުރުމަށް ކޮންމެހެން މުހިއްމު ބައެއް ސަޕޯޓަރުންނަކީ. ގޯލް ޖެހިއަސް ނުޖެހިއަސް ސަޕޯޓަރުންގެ ހަރަކާތްތައް ހުއްޓިގެނެއް ނުވާނެ،" މޮރީނިއޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި ރޭ ކުއީންސް ޕާކް ރޭންޖާސްއާ ވާދަކޮށް ޗެލްސީ މެޗު ކާމިޔާބުކުރީ 2-1 ންނެވެ. ލީގު ތާވަލުގެ އެންމެ ކުރީގައި ޗެލްސީ އޮތީ 26 ޕޮއިންޓާއެކު އެވެ.