ފުރަތަމަ ފަހަރަށް އަތޮޅުތަކުގައި ވޮލީބޯޅަ ލީގެއް ބާއްވަން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ވޮލީ އެސޯސިއޭޝަނުން އިއްޔެ އާއްމުކުރި ވޮލީ އެސޯސިއޭޝަންގެ ކަލަންޑަރގައި ހިމަނާފައިވާ އަތޮޅު ވޮލީލީގު ގައި ފިރިހެން އަދި އަންހެން ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ލީގުގެ ކުޅުން އޭޕްރީލުން ޖުލައިގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކަލަންޑަރގައިވަނީ ހިމަނާފައެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ އެ މުބާރާތާ ބެހޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.

ކަލަންޑަރގައިވާ ގޮތުން 2011 ވަނަ އަހަރުގެ ވޮލީ ސީޒަން ފަށާނީ މާޗް 17-19ށް އޮންނަ ބީޗް ވޮލީބޯލް ސްކޫލް ފެސްޓިވަލުންނެވެ. ނަމަވެސް 2010 ވަނަ އަަހަރުގެ މުބާރާތެއް ކަމަށްވާ އަންހެނުންގެ ޕްރެޒިޑެންޓްސްކަޕް މާޗް 5ގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އާއްމު ގޮތެއްގައި ބާއްވަމުން އަންނަ ހުރިހާ މުބާރާތެއްވެސް ހިމަނާފައިވާ ވޮލީ ކަލަންޑަރގައި ބީޗް ވޮލީގެ އާ މުބާރާތްތަކެއް މިއަހަރުވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޖުލައި މަހު ރިސޯޓްތަކަށް ހުޅުވާލައިގެން ބީޗް ވޮލީ މުބާރާތެއް ބޭއްވުމާއި އޮފީސްތަކަށާއި ކުންފުނިތަކުގެ މެދުގައި ބީޗް ވޮލީ މުބާރާތެއް ބޭއްވުމުގެ އިތުރުން ސްކޫލްތަކަށް ބީޗް ވޮލީ މުބާރާތެއް ބާއްވަން ވަނީ ސެޑިއުލްކޮށްފައެވެ.

އުތުރުގެ ރަށެއްގައި ބާއްވާނެކަމަށް އިއުލާންކޮށްފައިވާ އަންހެނުންގެ ޤައުމީ މުބާރާތް ބާއްވާނެ ތާރީޚެއް ކަލަންޑަރގައި ފާހަގަކޮށްފައެއް ނެތެވެ. ނަމަވެސް ކަލަންޑަރ ރާވާފައިވާ ގޮތުން ބެލެވެނީ މުބާރާތް ބާއްވާނީ ޑިސެމްބަރ މަހު ކަމަށެވެ.
އިންޓަރނޭޝަނަލް 4 މުބާރާތެއްގައި މިއަހަރު ވޮލީ ޓީމުތައް ވާދަކުރާއިރު އޭގެ ތެރެއިން ދެ މުބާރާތަކީ ބީޗް މުބާރާތެވެ.

ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުޙައްމަދު ވިދާޅުވީ ކަލަންޑަރ ނެރެފައިވަނީ ވަރަށް ބޮޑަށް ބަލާފައި ކަމަށާއި ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. "ނަމަވެސް މިނިސްޓްރީގެ ކަލަންޑަރ އަދި ނުނެރޭތީ ކުޑަ ބަދަލެއް ނާންނާނެއެކޭ ނުބުނެވޭނެ. އެކަމަކު ގާތްގަޑަކަށް މިހާރު އޮތް ކަލަންޑަރަށް ސީޒަން ކުރިއަށްދާނީ" ހުސެން ވިދާޅުވިއެވެ.

ވޮލީގެ ކަލަންޑަރ އިއްޔެ އިއުލާން ކުރިއިރު ފުޓްބޯޅަ ކަލަންޑަރވެސް އިއްޔެ ވަނީ ނެރެފައެވެ. ފުޓްބޯޅަ ކަލަންޑަރގައިވާ ގޮތުން ސީޒަން ހުޅުވާ މެޗަށް ވީބީ އާއި ވިކްޓަރީ ނުކުންނާނީ ފެބުރުއަރީ 13 ވަނަ ދުވަހު އެވެ.
ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ދިވެހިލީގު ފަށާނީ މާޗް 30 ވަނަ ދުވަހު އެވެ. އެމެޗުގައި ވާދަކުރާނީ ނިއުއާއި ވީބީ އެވެ. ދިވެހިލީގުގައި މިއަހަރުވެސް 3 ބުރު ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.