މިހާރު ކުރިއަށްދާ ބީއެންޕީ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލުން ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފި އެވެ.

ޖޮކޮވިޗް ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޖަޕާނުގެ ކެއި ނިޝިކޯރީ އާ ވާދަކޮށް 6-2 އަދި 6-3 ން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗައްފަހު ވާހަކަދައްކަމުން ސާބިއާގެ ކުޅުންތެރިއާ ބުނީ ބޮޑު މުބާރާތެއްގެ ފައިނަލުން ޖާގަ ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މުބާރާތުގެ ތަށި ޖޮކޮވިޗް އުފުލާލައިފިނަމަ އޭނާ ވެގެން ދާނީ ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިއާ އަށެވެ.

ޕެރިސް މާސްޓާސްގެ ފައިނަލުގައި ޖޮކޮވިޗް ވާދަކުރާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ތޯމަސް ބާޑިޗްގެ މައްޗަށް ކުރިހޯދި ކެނެޑާގެ މިލޯސް ރައުނިޗް އާ އެވެ. ބާޑިޗްގެ މައްޗަށް ރައުނިޗް ކުރި ހޯދީ 6-3، 3-6 އަދި 7-5 ގެ ނަތީޖާ އަކުންނެވެ.

މިއީ އަންނަ ހަފްތާގައި ޓެނިސް ސީޒަން ނިންމާލުމުގެ ގޮތުން ކުޅޭ އޭޓީޕީ ބާކްލޭސް ފައިނަލަށް ވުރެ ކުރިން ކުޅޭ އެންމެ ފަހު މުބާރާތެވެ.