02 Nov 2014, 17:35
އިނގިރޭސި ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވިއިރު ހަލްސިޓީގެ މައްޗަށް ކުރިހޯދައި ސައުތުހެމްޓަން އިން ލީގުގައި ދަމަހައްޓަމުން އަންނަ ރަނގަޅު ފޯމްގައި ހިފަހައްޓައިފި އެވެ.
ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެޓީމް ކާމިޔާބުކުރީ 1-0 ންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ދެވަނަ ހާފުގެ 73 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް އަޔޯޒީ ޕެރޭޒް އެވެ.
މެޗުގައި ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މިގޮތުން ލިވަޕޫލްގެ ޑިފެންޑަރު މާޓިން ސްކާޓެލް ބޮލުން ފޮނުވާލި ހަމަލާ ނިއުކާސަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ސްޓާލިންގް ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު ކެޕްޓަން ޖެރާޑްގެ ހަމަލާވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި ނިއުކާސަލްގެ ދެ ފޯވަޑުން ކަމަށްވާ ސެމީ އަމިއޯބީ އާއި ސީސޭ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރިނަމަވެސް ކީޕަރު މިގްނޮލެޓް ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
މި ނަތީޖާ އާއެކު ލިވަޕޫލް ވަނީ 14 ޕޮއިންޓާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަތް ވަނައަށް ވެއްޓިފައެވެ. މެޗުން މޮޅުވި ނިއުކާސަލް އޮތި 13 ޕޮއިންޓާއެކު 11 ވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި ރޭ 1-0 ން ހަލްސިޓީ ބަލިކޮށް ސައުތުހެމްޓަން އިން ވަނީ ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ޗެލްސީ އާ ހަތަރު ޕޮއިންޓް ކައިރިއަށް ޖެހިލާފަ އެވެ. ސައުތުހެމްޓަން ދެވަނައިގައި 22 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ އެންމެ ކުރީގައި އޮތީ 26 ޕޮއިންޓާ އެކުގަ އެވެ.
މި މެޗުގައި ސައުތުހެމްޓަން އަށް ލަނޑު ކާމިޔާބުކޮށްދިނީ ތިންވަނަ މިނިޓުގައި ވިކްޓާ ވަންޔާމާ އެވެ. ސައުތުހެމްޓަން އަށް މެޗުގެ ނަތީޖާ ފުޅާކުރުމަށް ގިނަ ފުރުސަތު ތަކެއް ލިބުނު ނަމަވެސް އޭގެ ހަމަލާއެއް ގޯލާ އަމާޒުވާ ގޮތެއް ވަނީ ނުވެފަ އެވެ.