02 Nov 2014, 17:22
ޓެކްސްނެގުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއިގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ލަގްޒަރީ ހޮޓާތަކުން ނަގާ ވަރަށް ގެސްޓްހައުސްތަކުން ޓެކްސް ނެގުމަކީ ކުދި ވިޔަފާރިތަކަށް އޮތް ހުރަހެއް ކަމަށެވެ.
"... ކުދި ގެސްޓްހައުސްތައް ހަދައިގެން ހިންގާ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް، މިކަމުން، ސަރުކާރުގެ ޓެކްސް ނެގުމުގެ ނިޒާމަށް މިގެންނަ ބަދަލުގެ ސަބަބުން އެބަ ދިމާވޭ. މިސާލަކަށް ކުޑަ ގެސްޓްހައުސްއެއް ހަދައިގެން ރަށެއްގައި ހިންގާ މީހަކު އެބަ ދައްކަން ޖެހޭ އެންމެ ލަގްޒަރީ ބޮޑެތި ހޮޓާތަކަށް ޓުއަރިސްޓް ރިޒޯޓްތަކަށް ދައްކަން ޖެހޭ ވަރަށް ބެޑް ޓެކްސް، އެހެންވީމާ 2000 ޑޮލަރަށް އެނދު ވިއްކާ ރިޒޯޓެއްގައި ދައްކަން ޖެހޭ ވަރަށް އެންމެ 30 ޑޮލަރަށް އެނދު ވިއްކާ ގެސްޓްހައުސް އިން ވެސް ދައްކަން އެބަ ޖެހޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު ހުއްޓިފައި އޮތުމާއި ބިން ދޫ ނުކުރުމަކީ ވެސް ކުދި ގެސްޓްހައުސް ވިޔަފާރިއަށް އެޅިފައި އޮތް ހުރަހެއް ކަމަށާއި އެ ކަންތައްތަކަކީ ކުދި ވިޔަފާރިތައް އިނދަޖައްސައިލުމަށް ކުރެވޭ ކަންތައްތަކެއް ކަމަށެވެ.
"... އާއްމުކޮށް ކުދި ވިޔަފާރި މިކުރާ ފަރާތްތައް އިނދަޖައްސައިލުމުގައި ކުރެވޭ ކަންތައްތައް މިއީ . މި ޓެކްސްގެ ނިޒާމު މިގޮތަށް ގާއިމްވެގެން ދާތީވެ، ހަމަހަމަ އުސޫލެއް ނުގެންގުޅޭތީ މިދިމާ ވަނީ،" އޭނާ ވިދާޅުވި އެވެ.
ޖީއެސްޓީއާއި އެކުގައި އިމްޕޯޓް ޑިއުޓީ ނަގާތީ ތަކެތި އަގުބޮޑުވެ، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.
ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް ދަތިވާތީ އެކަމާ އެމްޑީޕީން އަޅާނީ ކޮން ފިޔަވަޅެއްތޯ ދެންނެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެފަދަ ކަންކަމުގައި ސަރުކާރުން ގާނޫނާ ހިލާފުވާ ނަމަ ދެކޮޅަށް އެމްޑީޕީން ކޯޓަށް ދާނެ ކަމަށެވެ.
"...ރައްޔިތުން ހޭލުންތެރި ކުރުވައި، މިކަންތައްތަކުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަންތައްތަކަކީ ކޮބައިތޯ ބަލައި، ސީދާ ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ކޯޓްތަކަށް މައްސަލަތައް ހުށަހަޅައިގެން ހަމަ ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." އޭނާ ވިދާޅުވި އެވެ.