ނިމިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ އެނބޫދޫ ފަރުކައިރިން ދެ ލޯންޗްޖެހި އަނިޔާވި މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އުނޫޝާ (ކިޑީ) އަށް ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނަވަލޯކާ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އުނޫޝާގެ ފިރިމީހާ އިބްރާހިމް ހަމީޝް އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އުނޫޝާ އަށް ފަރުވާ ދިނުމަށް ފަހު ޑޮކްޓަރުން އޭނާ ދޫކޮށްލާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި ނަމަވެސް ޖެހިގެން އައި ދުވަހު އަނެއްކާ ވެސް ބޮލުގައި ރިއްސައި ހޮޑުލެވުމުގެ ސަބަބުން އުނޫޝާ ހޮސްޕިޓަލަށް އަލުން ގެންދިޔަ ކަމަށެވެ. އަދި އޭނާ އަށް އެމަޖެންސީ ރޫމުގައި ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ.

ސަބަބެއް ކަމަށް ހަމީޝް ބުނީ އޭނާ އަށް ލިބިފައިވާ އެހެން ގެއްލުމަކަށް ފަރުވާދެއްވި ޑޮކްޓަރު އޭނާ އަށް ދީފައިވާ ބޭސް ނުގުޅުމުގެ ސަބަބުން ކަމަށް އުނޫޝާ ބައްލަވާ ޑޮކްޓަރު ވިދާޅުވި ކަމަށާއި މިހާރު ރަނގަޅު ބޭސް ދީފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ހަމީޝް ބުންޏެވެ.

ހަމީޝް ބުނީ އަލުން ހޮސްޕިޓަލަށް ގެންދިޔުމުން އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށާއި އެ ސްކޭން ހަދާފައި ވަނީ އެކްސިޑެންޓްގެ ސަބަބުން ލިބިފައިވާ ގެއްލުން ފަހުން ފާޅުވެދާނެ ކަމަށް ބަލާފައި ކަމަށެވެ. ނަމަވެސް ސީޓީ ސްކޭން ދައްކާގޮތުން އޭނާގެ ބޮލަށް އެއްވެސް ގެއްލުމެއް ނުވާކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓްގައި އުނޫޝާ އަށް ގެއްލުންތަކެއް ލިބި އޮޕަރޭޝަން ކޮށްފައިވާ އިރު އެ ލޯންޗްގައި ދަތުރުކުރި އިތުރު ހަމީހަކަށް ވެސް ވަނީ ގިނަ އަނިޔާތަކެއް ލިބިފަ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން އެނގިފައެއް ނުވެ އެވެ.