ބަލި މީހުންނަށް ދޭން ޖެހޭ ފަރުވާ ނުދޭތީ ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލެއްގެ ނަރުހުންތަކެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

ސައުދީގެ ނޫހެއް ކަމަށްވާ އަރަބް ނިއުސް އިން އިއްޔެ ބުނި ގޮތުގައި ސައުދީ އަރަބިއްޔާގެ ސިޓީއެއް ކަމަށްވާ ތާއިފްގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ 11 ނަރުހަކު ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީ އިން ޖޫރިމަނާކޮށްފައި ވަނީ، އެ ނަރުހުންތައް މަސައްކަތްކުރާ ހޮސްޕިޓަލުގެ ބަލި މީހުން ރައްކާތެރިކޮށް އެމީހުންނަށްދޭ ހިދުމަތް ރަނގަޅުކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތީމަ ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ ކޮންމެ ނަރުހަކު 2600 ޑޮލަރާއި 13000 ޑޮލަރުގެ އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.

"ކޮންމެ ނަރުހެއްގެ އަތުން 10،000 ސައުދީ ރިޔާލާއި 50،000 ސައުދީ ރިޔާލުގެ ދެމެދު އަދަދަކަށް ޖޫރިމަނާކުރެވޭނެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ ނަރުހުން ވެސް ބަލި މީހުން ރައްކާތެރިކޮށް އެމީހުންނަށްދޭ ހިދުމަތް ރަނގަޅުކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާތޯ ބެލުމަށް އިތުރު ސާވޭތަކެއް ކުރެވޭނެ،" ޓައިފް ސިޓީގެ ހެލްތް އެފެއާސް ޑިޕާޓްމަންޓްގެ ސްޕޯކްސްޕާސަން ސިރާޖް އަލް ހުމައިދަން އަރަބް ނިއުސް އަށް ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދެއްވި ޕްރެސް ސްޓޭޓްމަންޓްއެއްގައި ސިރާޖު އަލް ހުމައިދަން ވިދާޅުވި ގޮތުގައި ވަޒީފާގައި ކުރަން ޖެހޭ ކަންކަން ރަނގަޅަށް ނުކުރުމާއި ފަރުވާދޭ މީހުން އެކަމަށް ނުކުޅެދޭ ކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ