02 Nov 2014, 16:56
ޖަލުތަކަށް ވަގަށް އެއްޗެހި އެތެރެކުރުން ހުއްޓުވުމަކީ އުދަނގޫ ކަމެއް ކަމަށާއި ނަމަވެސް ވަގަށް އެއްޗެހި އެތެރެ ކުރާ މިންވަރު މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ޖަލަކަށް ވެސް ވަގަށް އެއްޗެހި އެތެރެކުރާ ކަމަށާއި ރާއްޖޭގެ ޖަލުތަކަށް އެއްޗެހި އެތެރެކުރުން ހުއްޓުވުމަށް އެ ސާވިސް އިން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.
"ޖަލުތަކަށް ވަގަށް އެތެރެ ކުރާ އެއްޗެހި އެއްކޮށް ހުއްޓުވުމަކީ އުދަނގޫ ކަމެއް. ނަމަވެސް، އެ އަަދަދު މަދުކުރުމަށް މަސައްކަތް ކުރަމުންދަނީ،" ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ވިދާޅުވި އެވެ.
ޖަލުތަކަށް ވެއްދުން މަނާ އެއްޗެހި ޖަލުތަކަށް އެތެކުރުން މަދުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ އިރު، އެ ސާވިސް އިން ބަލަހައްޓަމުންދާ ތިން ޖަލެއްގެ ގޮޅިތަކުން ވޭތުވެ ދިޔަ ތިން ހަފްތާ ތެރޭގައި ވަނީ ގިނަ އަދަދެއްގެ މޯބައިލް ފޯނާއި މަސްތުވާތަކެތި ހޯދާފައިވެ އެވެ.
ޖަލަށް ވަގަށް އެއްޗެހި އެތެރެ ކުރަނީ ކިހިނެއްތޯ ނޫސްވެރިއަކު ދެންނެވުމުން އާސިފް ވިދާޅުވީ، ޖަލަށް ވަގަށް އެއްޗެހި އެތެރެކުރުމުގައި ޖަލުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއި ކުށްވެރިން ބައިވެރިވާ ކަމަށެވެ. އަދި އެކަަން ހުއްޓުވުމަށް ހާއްސަ ނިޒާމެއް ގާއިމްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަލަށް ވަގަށް އެއްޗެހި ވެއްދުން ހުއްޓުވުމަށް ޓަކައި މުވައްޒަފުން ވެސް ޖަލަށް ވަންނައިރު ސާޗް ކުރުމުގެ ނިޒާމެއް ވަނީ ގާއިމްކުރެވިފައި. ގަބޫލުކުރާ ގޮތުގައި އެ ނިޒާމް ގާއިމްކުރުމުންނާއި މިނޫނަސް ޖަަލަށް ވަގަށް އެއްޗެހި އެތެރެކުރާ ކުރުމުގެ ކަންތައް ވަރަށް ބޮޑަށް ނިމުމަކަށް އަންނާނެ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖަލަށް ވަގަށް އެއްޗެހި އެތެރެކުރުމުގައި ބައިވެރިވި ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި ބައެއް މުވައްޒަފުން ވަޒީފާ ވަކިކޮށްފައި ވެސް ވާނެ ކަމަށެވެ.
ޖަލުތަކަށް ވަގަށް އެއްޗެހި އެތެރެ ކުރުން ހުއްޓުވުމަށް ކަރެކްޝަނަލް ސާވިސް އިން ހަރަކާތްތަކެއް ހިންގާ ކަމަށް ފާހަގަކޮށްފައިވާ އިރު، އެ ސާވިސް އިން ވަނީ މަހަކު އެއް ފަހަރު ޖަލުގެ ގޮޅިތައް ބަލައި ފާސްކުރުމަށާއި ޖަލަށް ވަދެ ނުކުތުމަށް އެންމެ ގޭޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.