ވޮޝިންޓަން (ނޮވެމްބަރ 2) : ކުރިޔަށްއޮތް އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބަށް ފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އޭނާގެ ސަރުކާރުގެ ދިފާއީ ވަޒީރު ޗަކްހެގްލް އާއި ޚާރިޖީވަޒީރު ޖޯންކެރީ މަގާމުން ވަކިކުރެއްވުމަކީ ވަރަށް ގާތް ކަމެއްކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސް އިން ބުނެފި އެވެ.

އޮބާމާ އާ ވަރަށް އަރިސް ފަރާތަކާ ހަވާލާދީ މިނޫސް ބުނާ ގޮތުން ކެރީއާއި ހެގްލްގެ މަސައްކަތްތަކާ މެދު އޮބާމާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. މިދެބޭފުޅުންގެ މަސައްކަތްޕުޅުގެ ފެންވަރުދަށް ކަމަށް އޮބާމާ އާއި އޭނާގެ ރިޔާސީ ޓީމުން ފާހަގަ ކުރެ އެވެ. ކެރީގެ މަސައްކަތްކުރައް ވަނީ އޮބާމާގެ ރިޔާސީ ޓީމާ ދުރުގައި ކަމަށާއި އެމެރިކާގެ ދިފާއީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހެގްލް މުޅިން ކަހަލަ ގޮތަކަށް ބަރޯސާ ކުރައްވަނީ އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ކަމަށް ވެސް މިނޫސް ބުނެ އެވެ.

ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ބައެއް މެންބަރުންނާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނާ ގޮތުން އޮބާމާގެ ވަރަށް ގިނަ ޚާރިޖީ ސިޔާސަތުތަކެއް ދަނީ ނާކާމިޔާބުވަމުންނެވެ. މިގޮތުން އެބޯލާ ވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމައާއި އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައާއި އިސްރާއީލާއި އެމެރިކާއާ ދެމެދުގައިވާ ނުތަނަވަސްކަމާއި ޔުކްރޭންގެ މައްސަލަ ބޮޑެތި މައްސަލަތަކުގައި އެމެރިކާ އަށް ލިބެމުންދާ ނާކާމިޔާބީތަކުގެ ޒިންމާގެ ބައެއް ހެގްލް އާއި ކެރީ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ދެކެވަޑައިގަންނަވަ އެވެ.

މިނޫސް ބުނާގޮތުން އެބޯލާއާ ދެކޮޅަށް އެމެރިކާ އިޢްލާން ކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޚާއްސަ މަންދޫބެއްގެ ގޮތުން ރޮން ކްލެއިން އައްޔަން ކުރެއްވުމާއި އައިއެސްއާ ހަނގުރާމަކުރުމުގެ ކަންތައް ވިލަރެސް ކުރެއްވުމަށް ޖެނެރަލް ޖޯން އެލަން އައްޔަން ކުރެއްވުމަކީ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށް ފަހު ހެގްލް އާއި ކެރީ މަގާމުން ދުރުކުރުމަށް އޮބާމާ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ. މިދެބޭފުޅުންނަކީ ވެސް ސީދާ އޮބާމާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރައްވާ ދެބޭފުޅުންނެވެ.

ކޮންގްރެސް މިޑްޓާމް އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 4 ގަ އެވެ. މިއިންތިޚާބަކީ އޮބާމާއަށާއި އޭނާގެ ޑިމޮކްރެޓިކް ޕާޓީ އަށް ވަރަށް މުހިއްމު އިންތިޚާބެކެވެ. މިއިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހެގްލް އާއި ކެރީ މަގާމުން ދުރުކުރެއްވުމުގެ ނިންމެވުން އޮބާމާ ނިންމަވާނެ ކަމަށް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.