02 Nov 2014, 15:50
ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ އުރީދޫގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު އިނާއަތްތަކަކާ އެކު ބަދަލުތަކެއް ގެނެސްފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމު ކުރި ބަޔާނެއްގައި ބުނީ "ޕޯސްޓްޕެއިޑް ގޯލްޑް" 499 ޕެކޭޖުން މިހާރު އުރީދޫގެ ނަމްބަރުތަކަށް އަން ލިމިޓެޑްކޮށް ގުޅޭ އިރު ފުރީ މިނެޓުގެ ގޮތުގައި 300 މިނެޓު ލިބޭނެ ކަމަށެވެ. އަދި ފުރީ އެސްއެމްއެސްގެ ގޮތުގައި 1000 ލިބޭ އިރު ޑޭޓާގެ ގޮތުގައި ދެ ޖީބީ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުގެ ކޮންމެވެސް އެއް ގައުމަކަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
"ޕޯސްޓްޕެއިޑް ޑައިމަންޑް" 749 ޕެކޭޖުން މިހާރު އުރީދޫގެ ނަމްބަރުތަކަށް އަން ލިމިޓެޑްކޮށް ގުޅޭ އިރު ފުރީ މިނެޓުގެ ގޮތުގައި 1000 މިނެޓު ލިބެ އެވެ. އަދި ފުރީ އެސްއެމްއެސްގެ ގޮތުގައި 1300 ލިބޭ އިރު ޑޭޓާގެ ގޮތުގައި ތިން ޖީބީ ލިބޭއިރު ބޭރުގެ ކޮންމެވެސް ދެ ގައުމަކަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
"ޕޯސްޓްޕެއިޑް ޕުލެޓިނަމް" 899 ޕެކޭޖުން މިހާރު އުރީދޫގެ ނަމްބަރުތަކަށް އަން ލިމިޓެޑްކޮށް ގުޅޭ އިރު ފުރީ މިނެޓުގެ ގޮތުގައި 1500 މިނެޓު ލިބެ އެވެ. އަދި ފުރީ އެސްއެމްއެސްގެ ގޮތުގައި 1500 ލިބޭއިރު ޑޭޓާގެ ގޮތުގައި 3.5 ޖީބީ ލިބެ އެވެ. އަދި ރާއްޖެ އިން ބޭރުގެ ތިން ގައުމަކަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.
އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަޙްމަދު ދީދީ ވިދާޅުވީ، އެ ތިން ޕެކޭޖަށް އިތުރު އިނާއަތްތަކަކާ އެކު ބަދަލުތަކެއް ގެނެސް ފައިވާ ކަމަށެވެ. އެގޮތުން ކުރިން ދިން ވަރަށް ވުރެ އިތުރަށް އެސްއެމްއެސް އާއި ފްރީ ކޯލްގެ އިތުރުން ޑޭޓާއާއި އައިޑީޑީ ކޯލްގެ ވެސް އިނާއަތްތައް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.