ފުވައްމުލަކަށް ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު 5:25 ހާއިރު ފުވައްމުލަކު އެއާޕޯޓުންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅެއް ވަނީ ފެނިފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ބަދުއަޚްލާޤީ މައްސަލައިގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ. އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.