02 Nov 2014, 15:09
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ މާލޭ ޖަލާއި މާފުށި އަދި އައްސޭރި ޖަލަށް ވަގަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މޯބައިލް ފޯނާއި މަސްތުވާތަކެތި ހޯދައިފި އެވެ.
ކަރަކްޝަނަލް ސާވިސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ، ޖަލުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން ޖަލުތައް ބަލައި ފާސްކުރުމުގެ ގޮތުން އެ ސާވިސް އިން ވޭތުވެ ދިޔަ ތިން ހަފްތާ ތެރޭގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން، އެކި ވަގުތުތަކުގައި ޖަލުތަކުގެ ގޮޅިތަކަަށް ވަދެ ވޭތުވެ ދިޔަ ތިން ހަފްތާތެރޭގައި ޖުމްލަ 59 ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 201 ޕެކެޓް ހޯދާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސިމް ކާޑާއި ފޯނު ބެޓެރީ އާއި ފޯން ޗާޖަރުތައް ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަކްޝަނަލް ސާވިސް އިން ވޭތުވެދިޔަ ތިން ހަފްތާތެރޭގައި ހިންގި އޮޕަރޭޝަންތަކުން ވަގަށް އެތެރެކޮށްފައިވާ އެއްޗެހި އެންމެ ގިނައިން ހޯދާފައި ވަނީ މާފުށީ ޖަލުންނެވެ. އެގޮތުން އެ ޖަލުން އެކަނިވެސް 52 މޯބައިލް ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 200 ޕެކެޓް ވަނީ ހޯދާފަ އެވެ.
މާފުށީ ޖަލުގެ ގޮޅިތަކުން 35 ފޯން ބެޓެރި އާއި 23 ޗާޖަރާއި 33 ސިމް ކާޑު ހޯދާފައިވާ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ވިދާޅުވި އެވެ.
"މާލޭ ޖަލުން ތިން މޯބައިލް ފޯނާއި ދެ ޗާޖަރާއި ދެ ފޯން ބެޓެރި އާއި އެއް ސިމް ކާޑު އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއް ޕެކެޓް ފެނިފައިވޭ. އައްސޭރި ޖަލުން ހަތަރު މޯބައިލް ފޯނާއި ތިން ޗާޖަރާއި އެއް މޯބައިލް ފޯން އަދި އެއް ސިމް ކާޑު ހޯދާފައިވޭ،" ޖަލު ތަކުގެ ގޮޅިތަކުން ހޯދާފައިވާ ތަކެތި މީޑިއާއާ ހިއްސާކުރަމުން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ވިދާޅުވި އެވެ.
