ގަމީސް ބަލާފައި އޭނާ ދައްކާލި އިރު ބުރަކަށީގައި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އޭނާ ބުނާ ގޮތުގައި އެ ޒަހަމްތަކަކީ މިދިއަ ހޮނިހިރު ދުވަހުގެރޭ ފުލުހުންގެ ބަޔަކު އޭނާ ހިފަހަޓައި ބިޑިއެޅުމަށް ފަހު ކުރި އަނިޔާތަކުން ލިބިފައިވާ ޒަހަމްތަކެކެވެ. އޭނާ ބުނަނީ ކުށެއް ނުކުރާ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރި ފުލުހުން އޭނާގެ މައްޗަށް އިއްވި ނިޔާއަކީ އަނިޔާ ކުރުން ކަމަށެވެ.

"މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އެބަދޭ، އަޅުގަނޑަށް ލިބުނު ޒަހަމްތައް އަޅުގަނޑު ވަނީ ރައީސް ނަޝީދަށް ވެސް ދައްކާފައި،" ސަން ނޫސްވެރިން ގާތުގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ބުންޏެވެ.
ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންތަކެއް ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ އާ ބެހޭ އެއްވެސް ތަފްސީލެއް ޝިޔާމް ނުދެއްވި އެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި އާޓިފިޝަލް ބީޗް ސަރަހައްދަށް ގެންގޮސް މުގުރުން ތަޅާ އަނިޔާކޮށްފައިވާ ކަމަށް ބުނާ އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްސަލަ ޕޮލިސް އިންޓެގްރިޓީއަށް ސަރުކާރުގެ އިސް ފަރާތަކުން ވަނީ ހުށަހަޅާފަ އެވެ.
ޕޮލިސް އިންޓެގްރީޓީގެ ރައީސާ ޝަހިންދާ އިސްމާއީލް އިއްޔެ ވިދާޅުވީ އެ މައްސަލަ އާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނީ ރަސްމީގަޑީގައި ކަމަށެވެ. ނަމަވެސް މިއަދު ގުޅުމުން އެކަމަނާ ފޯނެއް ނުނަންގަވަ އެވެ.

ފުލުހުންތަކެއް އަނިޔާ ކުރި ކަމަށް ބުނާ އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ އޭނާގެ ވާހަކަ ސަންއާ ހިއްސާކޮށްފަ އެވެ. އެކުއްޖާ ބުނީ ހޮނިހިރު ދުވަހުގެ ހަވީރު ލޮރީތަކެއްގައި ދިދަފަތިތަކެއް ދަމަން ހުއްޓާ އޭނާއަށް ފޯނެއް އައުމުން ފުލުހެއް އުޅޭ ގެއެއްގެ ދޮރުމަތީ ހުރެގެން އެ ފޯނަށް ވާހަކަ ދައްކަނިކޮށް އެގޭގައި ދިރިއުޅޭ ފުލުސް މީހާ ނުކުމެ އޭނާ ގާތުގައި ކީއް ކުރަނީ ސުވާލު ކުރި ކަމަށެވެ.

"އަޅުގަނޑު ހުރީ ލަވަޖަހާތީ ފޯނު މަތީ އަތް އަޅައިގެން. އެ ގެއަކީ ކޮޕެއް އުޅޭ ގެއެއް. ކޮޕް މީހާ ބޯ ދިއްކޮށްލާފައި ބުނި ކީއްހޭ މިތާ ކުރަނީ. ފޯނުގައި ހުރީމަ އަޅުގަނޑު އަތުން މަޑު ކޮށްލާށޭ ބުނީ. ދެން ފޯނު ނިންމާފައި ބަލާލި އިރު އޭނަ އެއް ނެތް،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެރޭ ބޭބެއަކާ އެކު ދުފާލަން ގާޑިޔަލެއް ކައިރިއަށް ގޮސް ބޮޑުތަކުރުފާނު މަގު ލޯންޗްތައް އަޅާ ސަރަހައްދުގެ ގާޑިޔާލަކަށް މަޑުކުރިއިރު ފުލުހުން ދެ މީހަކު ހިފަހައްޓައިގެން ފޮޓޯގަނޑެއް ދައްކަން ތިބި ކަމަށެވެ. "ފޮޓޯގައި އިން މީހާ ނުދައްކައިފި ނަމަ މޫދަށް އެއްލައިލާނަން" ކަމަށް އެ މީހުން ބުނި ކަމަށެވެ. އެތާނގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހަކާއި ޔުނީފޯމް ފުލުހުން ތިބި ކަމަށާއި ކުލަ އެއްޗެހީގައި ތިބި ފުލުހުންގެ ތެރޭގައި އެ ދުވަހު ހަވީރު ދިދަފަތި ދަމަން އުޅެނިކޮށް ދިމާވި ފުލުސް މީހާ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެން އަޅުގަނޑު ސައިކަލް މަތީގައި އިންދާ ފުލުހުންނަށް ފެނިގެން އައިސް ދުރަށް ގެންގޮސް ސުވާލު ކުރަން ފެށީ. އެމީހުން ބުނީ ފުލުސްމީހާގެ (ހަވީރު ފެނުނު ޕޮލިސް މީހާ)ގެ ގޭދޮށަށް މީހުން އެއްކުރަން އުޅުނީ ކީއްވެހޭ؟ އަޅުގަނޑަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ކަންފަތް މަތީގައިޖަހައި ފުރަގަހަށް ބިޑި އަޅުވައި ފުލުހުންގެ ވޭނަށް އެރުވީ،" އޭނާ ބުންޏެވެ. "އަހަރެން ފެނުނު ތަނާ ހެން އައިސް ގެންދިޔައީ ލަފުގައި ހިފައިގެން. އޭރު އެތާ ގާޑިޔާ ކައިރީ ވެސް ތިބޭނެ މީހުން. ކޮޕް މީހާ އެހީ ކަލޭ ކީއްހޭ ކުރީ ފޯނު ހިފައިގެން އޭނަގެ ގޭ ކައިރީ. ހީކުރީހޭ އެ ގޭ ދޮށަށް މީހުން އެއްކޮށްގެން ތަޅާލެވޭނެ ކަމަށް. ދެން އަޅުގަނޑު ބުނިން ނޫޅެމޭ އެޓޭކެއް ދޭކަށް،"

އަނިޔާ ކުރި ކަމަށް ބުނާ ކުއްޖާއާ އެކު ގާޑިޔާ ކައިރިއަށް ދިޔަ ބޭބެ ބުނީ ފުލުހުން ކޮއްކޮއަށް އަނިޔާކުރި އިރު ފެނުނު ކަމަށާއި ގާތްނުވެ ހުރީ ވެގެން އުޅޭ ގޮތް ނޭނގޭތީ ކަމަށެވެ. އޭނާ ވަނީ މި ރިޕޯޓްގައި ނަން ހާމަކުރަން އުޒުރުވެރިވެފަ އެވެ.

ފުލުހުން ތެޅި ކަމަށް ބުނާ ކުއްޖާ ކިޔައިދިން ގޮތުގައި ފުލުހުން އޭނާ ވޭނަށް އަރުވައިގެން ގެންދިޔައީ އަލިމަސް ކާނިވާ ސްޓޭޖް ކައިރިއަށެވެ. އެތަނަށް ދިއުމަށް ފަހު "ސިނގިރޭޓެއް ބޯންވީނޫންހޭ؟" އެހި ކަމަށް ވެސް ބުންޏެވެ. އަދި "ސިނގިރޭޓް ނުބޯނަމޭ" ބުނުމުން ބިޑި ނައްޓައި ވެހިކަލުން ބޭލުމަށް ފަހު ހަތަރު ފުލުހުން ވެގެން މުގުރުން ތަޅްމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެމީހުންގެ ކިބައިން ސަލާމަތްވާން ހަޅޭއްލަވައި އޭނާވެސް އެމީހުންނަށް ހަމަލަ ދީފައިވާނެ ކަމަށާއި އިރުކޮޅަކުން އޭނާ ގެންގޮސް ވޭނުގެ ތެރެއަށް ގުޅައަކަށް އެއްލައިލީ އެތަނަށް މީހުން އެއްވެދާނެތީ ކަމަށެވެ.
"ވޭނަށް އެރުވުމަށް ފަހު ބުނީ އަދި އެއްބުރު އޮންނާނޭ ދެން ތަޅާލާނީ އާސަހަރާ ބިށްދޮށަށް ގެންގޮސް ވެހިކަލް ތެރޭގައި ބާއްވައިގެނޭ،" ހައްޔަރުކޮށްގެން ގެންގުޅުނު ބުނަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާ ބުނީ ފުލުހުން އޭނާ ގޮވައިގެން ދަނިކޮށް އަމީނީމަގު ބަނޑޭރި ކޮށި ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގާތީ، އެދިމާއަށް ދިއުމަށް އެމީހުންނަށް އަމުރު އައި ކަމަށާއި ބަނޑޭރިކޮށީ ކައިރިއަށް އެމީހުން ފޭބީ ވޭނުގެ ތެރޭގައި އޭނާ ބައިންދާފައި ކަމަށެވެ.

"އެމީހުން ފޭބީމާ އަޅުގަނޑު ވެސް ފޭބީ އޭރު އިނީ ކާނިވާ ތެރޭން ބިޑި ނައްޓާލި ގޮތަށް ނާޅުވާ،" އޭނާ ބުންޏެވެ.
ކުޑަކުއްޖާ ބުނީ އޭނާ ހައްޔަރުކުރި ފުލުހުން ބަނޑޭރިކޮށި ކައިރިއަށް ދިޔައިރު ހަމަނުޖެހުން ހިންގަން އުޅުނު މީހުން ފިލައިގެން ގޮސްފައިވާ ކަމަށާއި އޭރު އެތާނގައި ތިބީ އެހެން ބައެއް ކަމަށެވެ. އެތާނގައި އިތުރު ހަމަނުޖެހުމެއް އުފެދުނީ ފުލުހުން ކަމާ ނުބެހޭ ބަޔަކާ ކުރިމަތިލުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހުން ކިހާ ނައްޓާނެ. އެކަމާ ރުޅިއައިސްގެން އެމީހުން ފުލުހުންނާ ކުރިމަތިލީ ދެން އަޅުގަނޑަކަށް ވެސް ނުހުރެވުނު. އަޅުގަނޑުވެސް ތަޅަން ނިކުތީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ހާދިސާއަށް ފަހު ފުލުހުން ބަޔަކު ހައްޔަރުކޮށް އަލުން އޭނާ ވެސް ވޭނަށް އަރުވައިގެން ދިޔައީ އަތޮޅުވެއްސަށް ކަމަށާއި ހައްޔަރު ކުރި މީހުން އަތޮޅުވެއްސަށް ބޭލުމަށް ފަހު ވޭނުގެ ފަހަތު ބައި ހުޅުވާލި ތަނާ ދުވެފައި ގޮސް އަތޮޅު ވެއްސަށް ވަނީ ކަމަށެވެ.

އަދި ބުނީ ދުވެފައި އަތޮޅުވެއްސަށް ވަން އިރު ދަންނަ ފުލުހަކު ފެނިގެން ފުލުހުންތަކެއް އޭނަގެ ގައިގައި ތެޅި ތަންތަން ދައްކާ ސަލަމާތް ކޮށްދިނުމަށް އެދުމުން އެ ފުލުސް މީހާ އޭނާ ގޮވައިގެން އިންޓަވިއުކުރާ ކޮޓަރިއަށް ދިޔައީ ކަމަށެވެ. އޭނާ ހައްޔަރުކުރި ފުލުހުން އެވަގުތު އެތަނަށް ދިއުމުން އެމީހުން ފޮނުވާލީ ވެސް ރައްޓެހި ފުލުސް މީހާ ކަމަށް އެކުއްޖާ ބުންޏެވެ.

ފިރިހެން ކުއްޖާ ބުނީ އިންޓަވިއު ކޮޓަރިއަށް ގެންދިޔައިރު އޭނާއަށް އަނިޔާ ކުރި ދުވަހުގެ ހަވީރު ދިމާވި ޕޮލިސް މީހާ ފުލުހަށް ބަޔާނެއް ދީފައި އޮތް ކަމަށާއި އެ ބަޔާނުގައި އެ ޕޮލިސް މީހާ މަރާލަން އޭނާ އުޅުނު ކަމަށް އޮންނަ ކަމަށެވެ.

ކުޑަކުއްޖާ ބުނީ އެއްވެސް ސަބަބަކާ ނުލައި ހައްޔަރުކޮށް އަނިޔާ ކުރުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލީ މިދިއަ އާދީއްތަ ދުވަހު ހަވީރު ކޯޓަށް ހާޒިރުކުރުމަށް ފަހު ކަމަށެވެ.

"ގާޒީ ގާތު އަޅުގަނޑު ބުނިން މިހާރު ނެތެއްނޫންހޭ މުޖްތަމައުގައި ރަނގަޅަށް އުޅުމުގެ ފުރުސަތު ވެސް މިހެންވަންޏާ. ދެން ގާޒީ ބުނި ރަނގަޅަށް އުޅޭ ކުދިން ކީއްވެހޭ ދަންވަރު ބޭރުގައި އުޅެނީ. ދެން އަޅުގަނޑު ބުނިން ބޭބެ އާ އެއްކޮށޭ ދިޔައީ." އޭނަ ބުންޏެވެ.

ކުޑަކުއްޖާ ބުނީ ފުލުހުންކުރި އަނިޔާއަށް ހޮސްޕިޓަލަށް ދިއުމުން އޭނާގެ ހަށިގަނޑުގެ އެކްރޭސް ނަގާފައިވާ ކަމަށެވެ. ޑޮކްޓަރުން ބެލިބެލުމުގައި، އެތެރެހަށިން މައިބަދައަށް ގެއްލުންވެފައިހުރި ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އޭނާ އެރޭ ލައިގެ ހުރި ގަމީހާއި ޑޮކްޓަރަށް ދެއްކި ލިޔުންތައް ވެސް ފުލުހުން މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި ކުއްޖާ ބުނީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިމަތިލެއްވި ކެނޑިޑޭޓެއްގެ ކެންޕެއިން ލޯންޗްކުރުމަށް ބޭއްވި ހަފުލާއަކަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ރައީސާ ބައްދަކޮށް ފުލުހުން އޭނާއަށް ދިން އަނިޔާތައް ދައްކާފައިވާނެ ކަމަށާއި އޭނާގެ މައްސަލައިގެ ތަހުގީގު ހިނގަން ފެށީ އެހިސާބުން ކަމަށެވެ.