އިންސާނަކަށް ކެންސަރު ޖެހުމުގެ ކުރިން، ބަލި ޖެހިދާނެކަން އަންގައިދޭ ގުޅައެއް އުފެއްދުމުގެ މަސައްކަތް "ގޫގަލް" އިން ފަށައިފި އެވެ.

ތަހުލީލު މަރުހަލާގައިވާ އެ ގުޅައިގެ ތެރޭގައި ކުދި ކުދި ޒައްރާ ހުރެ އެވެ. އެ މެގްނެޓިކް ޒައްރާތައް އިންސާނާގެ ލޭގެ ތެރޭގައި ދައުރުވެ، ހަށިގަނޑު ތަހުލީލުކޮށް ސެންސަރެއްގެ އެހީގައި މައުލޫމާތުތައް ފޮނުވައިދޭނެ އެވެ.

އެ ގުޅައިގެ އެހީގައި އިންސާނާގެ ގައިގައި ކެންސަރު ހުރެއްޖެނަމަ ނުވަތަ ޖެހުމުގެ ކުރިން ހާލަތު ބަޔާންކޮށްދޭނެ އެވެ. އެ ޕިލް މަސައްކަތް ކުރާނީ އިންސާނާގެ ލެގޭގައި ނުރައްކާތެރި ސެލްތައް ހޯދުމަށެވެ.

ގޫގަލް އެކްސްގެ ލައިފް ސައިންސްގެ ހެޑް އެންޑްރޫ ކޮންރެޑް ވިދާޅުވީ ކުންފުނިން އެ ޕިލް ނުވަތަ އެ ގުޅަ ހެދުމުގެ މަގުސަދަކީ އާންމުންނަށް ވީހާ ވެސް ބޮޑަށް ކެންސަރުގެ އުނދަގޫތަކާ ކުރިމަތި ނުވެ ޒާތީ މުއާމަލާތްތައް ރައްކާތެރިކޮށް ކެންސަރު ދެނެގަތުން ކަމަށެވެ.

ލޭގެ ތެރެއަށް އެ ގުޅައިން ދޫކުރާ ޒައްރާތައް ދޫކޮށްލުމުން އޭގައި އެންޓި ބައޮޓިކް ފަށަލައެއް އެޅިގެން ދާނެ އެވެ. އެ ފަށަލަ ޕްރޮޓީން ސެލްތައް ނުވަތަ ލޭގެ ތެރޭގައިވާ ބަލި ޖެހުމަށް މެދުވެރިވާ ސެލްތަކާ ގުޅޭނެ އެވެ. އެ ނެނޯ ޕާޓިކަލްތައް ލޭގެ ތެރޭގައި ހުރެ މައުލޫމާތު އެއްކުރުމަށްފަހު ޑިވައިސްތަކަށް ފޮނުވާނެ އެވެ.