ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރި އެރުވުމަށް ޗައިނާ ސަރުކާރުން ރާއްޖޭގެ ހެލްތު މިނިސްޓްރީ އަށް ސިއްހީ ވަސީލަތްތަކާއި 20،000 ޑޮލަރުގެ އެހީއެއް ދީފި އެވެ. ޗައިނާ ސަރުކާރުން ބުނީ އެ ގައުމުގެ ރައީސް ޒީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެ އަށް އެ އެހީ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ޗައިނާގެ ސަރުކާރުން މިއަދު ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފައި ވަނީ 20،000 ޔޫއެސް ޑޮލަރާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާނެ މެޝިންތަކެކެވެ. އޭގެ ތެރޭގައި އިންކިއުބޭޓަރަކާއި އެންއެސްޓީ މެޝިނަކާއި އޮކްސިޖަން ކޮންސެންޓްރޭޓަރެއްގެ އިތުރުން ކާޑިއަކް މޮނީޓަރަކާއި ވެންޓިލޭޓަރެއްގެ އިތުރުން އިންފިއުޝަން ވާމާ ފަދަ ވަސީލަތްތައް ހިމެނެ އެވެ.

ޗައިނާ އިން ހެލްތު މިނިސްޓްރީއަށް ހަދިޔާކުރެއްވި ސިއްހީ ވަސީލަތްތައް--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެކަމަށްޓަކައި މިއަދު ނަސަނދުރަ ޕެލްސް ހޮޓަލުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި އެ ތަކެއްޗާ ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނީސް އެމްބަސީގެ ހެޑް އޮފް މިޝަންސް، ކައުންސެލާ ލިއު ކަންގް އެވެ.
ޗައިނާ އިން ހެލްތު މިނިސްޓްރީއަށް ސިއްހީ ވަސީލަތްތައް ހަދިޔާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސެލާ ލިއު ކަންގް ވިދާޅުވީ ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ބޭނުންވާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އިތުރަށް ބޭނުންވާނެ ކަންކަމާމެދު މި މަސް ތެރޭގައި މިނިސްޓަރު ނާޒިމާއެކު މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު ހަދިޔާކުރި އިކުއިޕްމަންޓްތަކާއި ހިލޭ އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެ ރައްޔިތުންނަށް އެކަށީގެންވާ ބޭސްފަރުވާއެއް ހިތްހަމަޖެހިގެން ލިބޭނެ ކަމަށް. މިފަދަ ވަސީލަތްތައް އަޅުގަނޑުމެން ކުރިއަށް އޮތް ތާގައިވެސް ހަވާލުކޮށް ދެގައުމުގެ ގުޅުން ބަދަހި ކުރާނަން،" ލިއު ކަންގް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެފަދަ އެހީއެއް ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުމަކީ އެއީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ޗައިނާ ސަރުކާރާއި އަދި ބޭރުގެ އެހީ ހޯދައި ހެލްތު ދާއިރާ ކުރިއެރުވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.