02 Nov 2014, 12:51
ތިރީސް ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނިކޮށް، އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމް "ކުރު ޗުއްޓީއަކަށް" ވަޑައިގެންފި އެވެ.
ނިޔާޒު އިބްރާހިމް މިއަދު އޮފީހަށް ވަޑައިނުގެންނެވުމުން "ސަން"އިން ކުރި އެސްއެމްއެސްއެއްގެ ޖަވާބުގައި ނިޔާޒު ވިދާޅުވީ މި ދަނޑިވަޅުގައި އާއިލާ އެކު ވަގުތު ހޭދަ ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރު މުއްދަތަކަށް ފަހު އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އާއިލާއާ އެކު ނިޔާޒު ހޭދަ ކުރައްވާ ޗުއްޓީގެ މުއްދަތެއް އަދި އެނބުރި އޮފީހަށް ވަޑައިގަންނަވާނެ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
އޮޑިޓާ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ހުޅުވާލާ ފުރުސަތުގައި އެމަނިކުފާނުގެ ނަންފުޅު މަޖިލީހަށް ނުފޮނުއްވައިފި ނަމަ އޭނާގެ މަގާމު ގެއްލޭނެ އެވެ. އަދި އޭނާގެ ނަން މަޖިލީހަށް ހުށަހަޅައި ފާސްނުވިޔަސް އޭނާގެ މަގާމު ގެއްލޭނެ އެވެ.
އާ އޮޑިޓާ ޖެނަރަލް އަކު އައްޔަން ކުރުމަށް ގާނޫނުގައި ބުނެފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ގަ އެވެ.
އޮޑިޓް ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅެއް ފޮނުވަންވާނެ ކަމަށެވެ. އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވި އެވެ.