02 Nov 2014, 12:31
ސްޕެނިޝް ލީގުގައި ބާސެލޯނާ ރޭ ކުޅުނު މެޗުގައި ސެލްޓާ ވިގޯގެ އަތްދަށުވެ، ލީގުގައި ޖެހިޖެހިގެން ކުޅުނު ދެ މެޗުން ވެސް ބާސާ ބަލިވެއްޖެ އެވެ. ބާސާގެ މައްޗަށް ސެލްޓާ ވިގޯ ރޭ ކުރި ހޯދީ 0-1 ލަނޑުގެ ގެ ނަތީޖާއަކުންނެވެ.
މިދިޔަ ހަފްތާގައި ރިއަލް މެޑްރިޑާ ދެކޮޅަށްް ކުޅުންް މެޗުގައި 1-3 ގެ ނަތީޖާއަކުން ބާސާ ބަލިވެފައި ވާއިރު، ރޭގެ މެޗަށް ކޯޗް ލުއިސް އެންރީކް އޭނާގެ ޓީމާއެކު ނުކުމެފައި ވަނީ ފޮނި އުންމީދުތަކަކާ އެކީގަ އެވެ.
މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭ ބާސާގެ ނޭމާވަނީ ސެލްޓާ ވިގޯގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. ފުރަތަމަ ހަމަލާ އަމާޒުވީ ސެލްޓިކްގެ ކީޕާ ސާޖިއޯގެ އަތަށެވެ. ދެ ވަނަ ހަމަލާގެ ހުރަހަކަށްވީ އިކޮޅު ޓީމުގެ ގޯލުގެ ހުރަސް ދަނޑި އެވެ.
ފުރަތަމަ ހާފުގެ ފަހު 15 މިނެޓު ތެރޭ މެސީ ވަނީ ސެލްޓާ ވިގޯގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފަ އެވެ. ފުރަތަމަ ހާފުގައި ސެލްޓިކުން ވެސް ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، އެ ހާފުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވެފައިވަނީ އެ ޓީމްގެ ގޯލްކީޕާ ސާޖިއޯއެވެ.
ބާސާއިން މެޗުގެ ދެވަނަ ހާފުގައި ވެސް ސެލްޓާ ވިގޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެ ގޮތުން ޖޯޑީ އަލްބާ ދިން ޕާހަކުން ނޭމާ ނެގި ޝޮޓުގެ ހުރަހަކަށް ވީ އަނެއްކާވެސް ގޯލުގެ ހުރަސް ދަނޑި އެވެ. ނަމަވެސް ސެލްޓާ ވިގޯ އިން ވަނީ ބާސާގެ ޑިފެންސް ބަލިކަށިވެލި ދަނޑިވަޅުގައި ފުރުސަތުގެ ބޭނުންކޮށް މެޗްގެ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްފަ އެވެ. އެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ، ލަރިވޭއާއި ނޮލީޓޯ ބައިވެރިވެ އުފެއްދި ކުޅުމަކުން، އެ ޓީމްގެ ލަރިވޭ އެވެ. މެޗުގެ ފަހުވަގުތު ކޮޅުތެރޭ ސެލްޓާ ވިގޯ ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލަށް ފޮނުވާލާފައި ވާއިރު، މެސީއަށް ލިބުނު ފްރީކިކް ވަނީ ސެލްޓާ ވިގޯގެ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ސެލްޓާ ވިގޯ އިން ޖެހިޖެހިގެން އެ ޓީމުގެ ތިންވަނަ ކާމިޔާބީ ހޯދައި، ބާސާ އެ ޓީމްގެ ދެ ވަނަ ނާކާނިޔާބީއާ ކުރިމަތިލާންޖެހިގެންނެވެ.
އެ މެޗްގެ ނަތީޖާއާއެކު، ތާވަލްގެ ތިންވަނައިގާ 22 ޕޮއިނޓާއެކު އޮތް ބާސާއަށް ވަނީ، ތާވަލްގެ އެއް ވަނަ އާއި ދެ ވަނާގައި އޮތް ރިއަލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑްއާ އަރާ ހަމަ ކުރަން އިތުރަށް މަސަތްކަތް ކުރަން ޖެހިފަ އެވެ. ރޭގެ މެޗުގައި ބާސާގެ މައްޗަށް ކުރި ހޯދި ސެލްޓާ ވިގޯ ވަނީ 19 ޕޮއިންޓާއެކު ލީގުގައި ކުރިއަށް ދާން ހިތްވަރެއް ލިބިފަ އެވެ.