އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް އިންޑިއާ އިން ސްޕެޝަލިސްޓުން ހޯދުމުގެ ކަންތައް ކުރިން އޮތް ގޮތަށް ބަދަލުކުރެވޭތޯ ބަލަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ ވިދާޅުވީ ދާދިފަހުން އިންޑިއާ އަށް ވަޑައިގެންނެވި ޑިފެންސް މިނިސްޓަރު އަދި އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމު ވަނީ ސިއްހީ ދާއިރާގައި ހުރި ގިނަ މައްސަލަތަކަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

"... ސިއްހީ ދާއިރާ ވަނީ މައިގަނޑު މައްސަލައަކަށް ވެފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ހެލްތު މިނިސްޓަރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ޒިޔާރަތްކުރެއްވިކަން. ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައި. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ސްޕެޝަލިސްޓުން ހޯދުމުގައި ކުރިން އޮތް ގޮތަށް ބަދަލުކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މި އަންނަނީ ބަލަމުން." އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ- މޯލްޑިވްސް( ފެއިމް) އިން އިންތިޒާމްކޮށްގެން، ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްބި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވި އެވެ.

އައިޖީއެމްއެޗް ފުރަތަމަ ހިންގަން ފެށި އިރު އެހޮސްޕިޓަލަށް ސްޕެޝަލިސްޓުން ގެނައުމުގެ އިންތިޒާމް ހަމަޖައްސަމުން އައީ އިންޑިއާ ސަރުކާރުންނެވެ. އެގޮތުން ސްޕެޝަލިސްޓުން ފޮނުވަމުން އައީ ކުރު މުއްދަތަކަށެވެ. ނަމަވެސް ފަހުން އެ ހޮސްޕިޓަލުގެ ކަންކަން ހޮސްޕިޓަލުގެ މެނޭޖްމެންޓުން ހަމަޖައްސާ ގޮތަށް އޮތީ ބަދަލުކޮށްފަ އެވެ. ހައިކޮމިޝަނުން ބުނީ ކުރިން ވެސް އޮތް ގޮތަށް އިންޑިއާ ސަރުކާރުން ކުރު މުއްދަތަކަށް ސްޕެޝަލިސްޓުން ފޮނުވަން ފެށުމަށް ދިވެހި ސަރުކާރުން ވަނީ އަލުން އެދިފައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބުދުލްގައްޔޫމު މިދިޔަ ޖެނުއަރީ މަހު އިންޑިއާ އަށް ކުރެެއްވި ދަތުރުފުޅުގައި އެކަމާ ބެހޭ އެއްބަސްވުމެއްގައި ދެ ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. ހައިކޮމިޝަނުން ބުނީ އެކަން އެގޮތަށް ކުރުމަށް މިހާރު އިންޑިއާގެ ކަމާ ބެހޭ އިދާރާގައި އެދިފައި ވާނެ ކަމަށާއި ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށެވެ.

ރޭ ވާހަކަފުޅު ދައްކަވަމުން ޝަހާރޭ އަދި ވިދާޅުވީ އިންޑިއާ އިން އެކަންތައް ވަރަށް އަވަހަށް އެގޮތަށް ކުރާނެ ކަމަށެވެ.

އިންޑިއާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖް ޑރ. އަހުމަދު އާސިމާއި ފެއިމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.