ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަތޮޅުތަކުގައި ބާއްވާ މުބާރާތުގެ ލ. އަތޮޅު މުބާރާތުގައި މިއަދު ކުޅޭ ސެމީގައި ވާދަކުރާނެ ޓީމުތައް ކަށަވަރު ވެއްޖެ އެވެ.

މުބާރާތުގެ ގްރޫޕް 'އޭ'ގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އަދި ތިން މެޗުން މޮޅުވެގެން 10 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނާގައި އޮތީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. ގްރޫޕު 'އޭގެ ރަނަރަޕް ޓީމަކަށް ހަ ޕޮއިންޓާ އެކު ގޮސްފައި ވަނީ އިސްދޫ އަމާޒު ޖަމިއްޔާ އެވެ. އަމާޒު ޓީމު ސެމީ އަށް ދިޔައީ ކުޅުން މެޗުތަކުގެ ތެރެއިން މޮޅުވެ އަދި އެއް މެޗުން މޮޅުވެގެންނެވެ.

ގްރޫޕް 'ބީ'ގައި ފަސް ޕޮއިންޓާއި ދެ ގޯލުގެ ފައިދާ އާ އެކު ތާވަލުގެ އެއްވަނާގައި ފޮނަދޫ ޒުވާނުންގެ ގުޅުން އޮތް އިރު ދެވަނާގައި ފަސް ޕޮއިންޓާ އެކު އޮތީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެންމެ މޮޅު ޓީމު މާބައިދޫ އިސްދަރިވަރުންގެ ގުޅުމާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ އެންމެ މޮޅު ޓީމު ފޮނަދޫ ޒުވާނުންގެ ގުޅުމާއި އިސްދޫ އަމާޒު ޖަމިއްޔާ އެވެ.

މުބާޜާތުގެ ސެމީގައި މިއަދު ކުޅޭ އިރު ފައިނަލް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.

މުބާރާތު ގްރޫޕް އޭގައި އަމާޒު ޖަމިއްޔާ އާއި މާބައިދޫ އިސް ދަރިވަރުން ކުޅެފައިވާ މެޗު ނިމިފައި ވަނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. އެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މާބައިދޫ ޓީމު ޖާޒީ ނަމްބަރު 20 ކުޅުންތެރިޔާ މުހައްމަދު އާރިފް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށްދާނީ މާބައިދޫގަ އެވެ. އަދި ގްރޫޕު 'ބީ'ގެ މެޗުތައް ކުޅޭނީ އެ އަތޮޅުގެ ކުނަހަންދޫގަ އެވެ.

ގްރޫޕު އޭގައި ހިމެނެނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫ އަމާޒު ޖަމިއްޔާ އާއި މާބައިދޫ އިސްދަރިވަރުންގެ ގުޅުމާއި ގަން ތުނޑި ސޮސައިޓީ ފޮ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބެވެ.

ގްރޫޕް ބީގައި ހިމެނެނީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ގުޅުމާއި މާމެންދޫ ޔުނައިޓެޑް އަދި މާވަށު ޒުވާނުންގެ ގުޅުމެވެ.