02 Nov 2014, 11:51
ރެފްރީ އެއްގެ މޫނުމަތީ ބޯޅައަކުން ޖަހައި އޭނާގެ މޫނަށް ފެން ބުރުވާލި މައްސަލާގައި ސުވިޒަލެންޑުގެ ކުޅުންތެރިއެއް 50 އަހަރަށް ސަސްޕެންޑު ކޮށްފި އެވެ.
ޕޯޗުގަލް ކްލަބުގެ ޑިފެންޑަރު ރިކާޑޯ ފެރޭރާ އަށް 50 އަހަރުގެ ސަސްޕެންޝަން ދިން އިރު އޭނާ ވަނީ ކުޅުންތެރިޔަކަށް ހަމަލާ ދިން މައްސަލާގައި 40 މެޗުގެ ސަސްޕެންޝަނެއްގައި ވެސް ހުރެފަ އެވެ.
ފެރޭރާ ބުނީ ސަސްޕެންޑުގެ މުއްދަތު އެހާ ދިގުވާނެ ކަމަށް ހީ ނުކުރާ ކަމަށެވެ.
"އަހަރެން ހީ ކުރީ ދެ އަހަރެއްހާ ދުވަހަށް ކަމަށް ސަސްޕެންޑު ވާނީ. އެއް ގޮތަކަށް ވެސް ހިޔެއް ނުކުރަން 50 އަހަރަށް ކުރާނެ ކަމަކަށް. އަހަރެންގެ މުޅި ހަޔާތަކީ ފުޓުބޯޅަ،" އޭނާ ބުންޏެވެ.
އެ މައްސަލާގައި ލީގުގެ ހަތަރު ވަނަ ޑިވިޝަން ލޯޔަރެއް ކަމަށްވާ ރޮބާޓް ބްރީޓާ ބުނީ ފެރޭރާ މެން ކަހަލަ ކުޅުންތެރިން މުބާރާތްތަކުގައި ކުޅެން ބޭނުން ނުވާ ކަމަށެވެ.
"އަހަރެމެން ބޭނުމެއް ނޫން ފެރޭރާ މެން ކަހަލަ ކުޅުންތެރިން ފުޓުބޯޅާގައި އުޅޭކަށް. އެހެން ނަމަވެސް އަހަރަކު އެއްފަހަރު ގޮތަކަށް މި ކަހަލަ ކޭސްތައް އާދެ،" ބްރީޓާ ބުންޏެވެ.
ފެރޭރާގެ ސަސްޕެންޝަން ނިމި ފުޓުބޯޅައަށް 2064ގައި ނުކުމެވޭ އިރު އޭނާގެ އުމުރުން ވާނީ 78 އަހަރެވެ.