ފަހަތުން އަރައި ޖެހި ދެ ލަނޑާއެކު ވާދަވެރި ޑޯޓްމައުންޑްގެ މައްޗަށް ކުރި ހޯދައި ބަޔާން މިއުނިކް އިން ބުންޑެސްލީގާ ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބުކުރީ ޑޯޓްމައުންޑް އިން ލަނޑެއް ޖަހައި ލީޑު ނަގައިފައިވަނިކޮށް ފަހަތުން އަރައި 2-1 ލަނޑުންނެވެ. މެޗުގެ 31 ވަނަ މިނުޓުގައި ޑޯޓްމައުންޑަށް ލީޑު ހޯދައި ދިނީ މާކޯ ރިއުސް އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ބަޔާން އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ބަދަލު ކޮށްފަ އެވެ.

ދެވަނަ ހާފުގެ 72 ވަނަ މިނުޓުގައި ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން ޑޯޓްމައުންޑަށް ކުޅުނު ޕޮލަންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އެވެ. އަދި ބުންޑެސްލީގާގެ އެންމެ ވާދަވެރި ދެ ޓީމްގެ ކުރިމަތިލުމުގައި ބަޔާން އަށް ކުރި ހޯދައި ދިން ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށް ދިނީ ފޯވަޑް އަރްޔެން ރޮބެން އެވެ.

މިއީ ސީޒަންގެ ލީގުގައި ޑޯޓްމައުންޑް ބަލިވި ހަތް ވަނަ މެޗެވެ. ބަޔާން އިން ވަނީ ދެހާފުގައި ވެސް ޑޯޓްމައުންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ފުރަތަމަ ހާފުގައި ތޯމަސް މުލާ ބޮލުން ފޮނުވާލި ހަމަލާ އިދިކޮޅު ޓީމުގެ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު ރޮބެންގެ ބާރު ހަމަލާ ޑޯޓްމައުންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ފޯވަޑް ލެވަންޑޯސްކީ ވެސް ވަނީ ތިން ފަހަރެއްގެ މަތިން ޑޯޓްމައުންޑްގެ ގޯލާ އަމާޒުކޮށް ނުރައްކާ ކޮށްފަ އެވެ.

މެޗުގައި ބަޔާންގެ ގޯލް ފޫއަޅުވަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖަޕާނުގެ މިޑްފީލްޑަރު ޝިންޖީ ކަގާވާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް އެވެ.

ރޭގެ މެޗުގައި ލިބުނު މޮޅާއެކު ބުންޑެސްލީގާ ތާވަލުގެ އެންމެ ކުރީގައި ބަޔާން އޮތީ 24 ޕޮއިންޓާއެކުގަ އެވެ. މެޗުން ބަލިވި ޑޯޓްމައުންޑް އޮތީ ކުޅުނު 10 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.