02 Nov 2014, 11:47
ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އޮސްކާ އަދި ހަޒާޑުގެ ލަނޑުތަކުން ކުއީންސް ޕާކް ރޭންޖާސްގެ މައްޗަށް ކުރިހޯދައި ޗެލްސީ އިން ލީގު ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.
ލަންޑަންގެ ސްޓަމްފޯޑް ބްރިޖްގައި ކުޅުނު ފޯރިގަދަ ޑާބީ މެޗު ޗެލްސީ އިން ކާމިޔާބުކުރީ 2-1 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނުޓުގައި އެ ލަނޑު ޖެހީ ބްރެޒިލްގެ ތަރި އޮސްކާ އެވެ. ނަމަވެސް ދެވަނަ ހާފުގެ 62 ވަނަ މިނުޓުގައި ރޭންޖާސްގެ ޗާލީ އޮސްޓިން ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފުގެ 75 ވަނަ މިނުޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ބެލްޖިއަމްގެ ހުނަރުވެރި ކުޅުންތެރިއާ އެޑެން ހަޒާޑް ވަނީ ޗެލްސީ ސީޒަންގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާގައި އިތުރު ތިން ޕޮއިންޓް އެޓީމަށް ކަށަވަރު ކޮށްދީފަ އެވެ.
މެޗުގެ ކުރީކޮޅު ޗެލްސީ އިންވަނީ ރޭންޖާސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިގޮތުން ހަތަރު މެޗަށް ފަހު ރޭ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް ފޯވަޑް ޑިއޭގޯ ކޮސްޓާ ފޮނުވާލި ހަމަލާތައް ރޭންޖާސްގެ ކީޕަރު ގްރީން ވަނީ ދިފާއުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުރީކޮޅު ރޭންޖާސްގެ އޭރިއާ ބޭރުން ފެބްރިގާޒް ފޮނުވާލި ބާރު ހަމަލާ ވެސް ގްރީން ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅު ރޭންޖާސްގެ ފޯވަޑް ޖޫނިއާ ހޮއިލެޓް ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް ދިޔަ އިރު އެ ޓީމުގެ ބޮބީ ޒަމޯރާގެ ހަމަލާ ޗެލްސީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މިއީ ރޭންޖާސްގެ ކޯޗު ހެރީ ރެޑްނެޕް އާއި މޮރީނިއޯގެ ކުރިމަތިލުންތަކުގައި މޮރީނިއޯ ޖެހިޖެހިގެން ކުރިހޯދި ފަސްވަނަ ފަހަރެވެ. މި ނަތީޖާ އާއެކު ލީގު ތާވަލުގެ އެންމެ ކުރީގައި 26 ޕޮއިންޓާ އެކު ޗެލްސީ އޮތް އިރު ރޭންޖާސް އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފަހަތުން ދެވަނައިގަ އެވެ.