ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލުން 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީ އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް ފައިސާ ދޫކުރި މައްސަލާގައި އޮޑިޓާ ޖެނަރަލް ނިޔާޒު އިބާރްހިމް ނެރުއްވި ރިޕޯޓުގައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރައްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ތިރީސް ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމިން ތަސްދީގު ކުރައްވާފައި ވަނިކޮށް، ހަމަ އެ ދުވަހު އޮޑިޓާ ޖެނަރަލް ވަނީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތި ކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ކޮރަޕްޝަން މައްސަލަތެއް ފެންމަތިކޮށް ނިޔާޒު ނުރުއްވި ހާއްސަ އޮޑިޓް ރިޕޯޓާމެދު ސަރުކާރު ހިންގާ ޕީޕީއެމުން ސުވާލު އުފައްދާފައި ވަނިކޮށް އޭސީސީގެ ރައީސް "ސަން"އަށް މިއަދު ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެ މައްސަލައަކީ ކުރިން ވެސް ކޮމިޝަނުން ބަލަމުން ދިޔަ ކަމެއް ކަމަށެވެ.

"އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓެއް އަޅުގަނޑުމެންނަކަށް އަދި ނުލިބޭ. ލިބުމާ އެކު ރިޕޯޓު ބެލުމަށް ފަހު އޭގައިވާ ކަންތައްތައް ތަހުގީގު ކުރާނަން. އާންމު އުސޫލުން ކޮންމެ އޮޑިޓް ރިޕޯޓެއް ވެސް އަޅުގަނޑުމެން ތަހުގީގު ކުރަމުންދާނީ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

"ދެ ބައި މީހުން އެފަދަ މައްސަލަތަކުގައި ލިޔެކިޔުންތައް ބަދަލު ކުރަން. ދެ މުއައްސަސާއަކުން އެއް މަސައްކަތެއް ނުކުރަން ވެގެން އެބޭފުޅުން އޮޑިޓް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީގެން އަޅުގަނޑުމެން މިތިބީ. އެ ބޭފުޅުންގެ އެ މަސައްކަތް ނިމުމާ އެކު އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނީ،"

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން ހޯދި 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީ އިން އެއް މިލިއަން ޑޮލަރު ހޯދީ ވަކި ބަޔަކަށް މާލީ ފައިދާއެއް ހޯދައި ދިނުމަށެވެ.

ޓޫރިޒަމް އިޝްތިހާރުކުރުމަށް ބޭރުގެ ފަރާތަކަށް ވަރަށް އަވަހަށް ފައިސާ ދަންކަންޖެހޭ ކަމަށް ބުނެ، 1.1 މިލިއަން ޑޮލަރުގެ ލޯނެއް އެމްޓީޑީސީ އިން ހޯދުމަށްފަހު، އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެ ފައިސާ ދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްއެމްޕީއާރްސީން އެ ލޯނު ދީފައި ވަނީ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށެވެ.

މޮންޓިލިއަންއަކީ އަދީބު މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާގެ 35 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ ހިއްސާ ވަނީ އަދީބުގެ ބައްޕަގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އަދީބު ވަނީ ދޮގުކުރައްވައިފަ އެވެ. އެ ތުހުމަތުތަކަކީ ދޮގެއް ކަން ސާބިތުކޮށް ދިނުމަށް މާލީ ބަޔާން މިއަދު މީޑިއާ އަށް ހިއްސާކުރައްވާނެ ކަމަށް މިދިޔަ ހުކުރު ދުވަހު އަދީބު ވަނީ ވިދާޅުވެފަ އެވެ.