26 Jan 2011, 12:43
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ދެ ވަނަ ދަނާލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ހުޅުއްވައިދެއްވި އެވެ.
ކެބިނެޓް ބައްދުލުވުމެއް ކުޅުދުއްފުށީގައި ބޭއްވުމަށް އެ ރަށަށް ކުރައްވަމުން ގެންދެވާ ދަތުރުފުޅުގައި ދަނާލުގެ އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ރައީސް އެ އިމާރާތް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދަނާލު އިމާރާތްކުރުމުގެ މަސައްކަތް ފަށާފައި ވަނީ 17 އޮކްޓޯބަރު 2007ގަ އެވެ. އެ އޮފީހުން ބުނީ އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެ އިމާރާތް ހެދީ 6.1 މިލިއަން ރުފިޔާ އަށް ކަމަށެވެ.
ކޮލެޖްގެ ދަނާލެއް ކުޅުދުއްފުށީގައި ފުރަތަމަ ހުޅުއްވާފައި ވަނީ 25 ޖޫން 2005ގަ އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ ދަތުރުފުޅުގައި މިދިޔަ އަހަރު ސަރުކާރުން އެ ރަށުގައި ހިއްކަވާފައިވާ ބިން ވެސް ރައިސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި ކަމަށެވެ.
ނެދަލެންޑްސް ބޮސްކާލިސް މެދުވެރިކޮށް އެ ރަށުގައި ހިއްކި 28 ހެކްޓަރުގެ ބިމަށް ސަރުކާރުން 109 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.