02 Nov 2014, 11:40
އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި އެކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ފުރުސަތު ހުޅުވާލަނީ ކޮން ދުވަހަކުންތޯ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަށް މިއަދު ސަން އިން ދެންނެވުމުން އޭނާ ވިދާޅުވީ "އަދި ވަކި ދުވަހެއް ބުނަން ނޭނގޭ" ކަމަށެވެ.
އިތުރު ތަފްސީލެއް މުއާޒު ވިދާޅެއްނުވެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މަގާމުން ވަކިކުރައްވާފައިވާކަން އަދި މިހާތަނަށް އަންގަވާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނެރަލް މުހައްމަދު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ އޮޑިޓާ ޖެނެރަލް ނިޔާޒް މަގާމުން ވަކި ކުރެއްވިކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.
"އަދި މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނެތް އަންގާފައެއް އޮޑިޓާ ޖެނެރަލް ވަކިކުރެއްވި ކަމެއް،" މުހައްމަދު ހުސެއިން ވިދާޅުވި އެވެ.
އޮޑިޓް ގާނޫނަށް ގެނައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސް ނަންފުޅެއް ފޮނުވަންވާނެ ކަމަށެވެ. އެހެން ކަމުން މިހާރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަށް ވެސް ދެން ޖެހިވަޑައިގަންނަވަނީ ރައީސް އޮފީހުން އިއުލާނުކުރުމުން އެ މަގާމަށް ކުރިމަތިލެއްވުމަށެވެ.
އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވާފައިވުމުން މިހާރު އޮޑިޓާ ޖެނެރަލަކު ނުހުންނާނެ ކަމަށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ފަރާތުން ރަސްމީކޮށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްގެ މަގާމް ގެއްލުނުކަން އެންގި ކަމެއް ނުވަތަ ނާންގާކަމެއް އަދި މިހާތަނަށް ވަނީ ސާފުވާގޮތްނުވެފަ އެވެ. ނަމަވެސް އަދި މިއަދު އެމަނިކުފާނު އޮފީހަކަށް ވަޑައެއް ނުގަންނަވަ އެވެ.