02 Nov 2014, 10:23
ވަގަޑޫގޫ (ނޮވެމްބަރު 2) : ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުކީނާފާސޯގެ ވެރިކަން ސިފައިންގެ އަތްމައްޗަށް ދިޔުން ގަބޫލުނުކުރާނެ ކަމަށް ބުނެ މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރު އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދީފި އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވެރިކަން ސިފައިންގެ އަތްމައްޗަށް ގޮސްގެން ނުވާނެ ކަމަށާއި އިންތިގާލީ މަރްޙަލާގައި ވެރިކަންކުރަން ޖެހޭނީ ވަކިފަރާތަކަށް ނުޖެހޭ މަދަނީ ސަރުކާރަކުން ކަމުގަ އެވެ. އަދި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ވެރިކަންއޮތުމާ ދެކޮޅަށް ވަރުގަދަ އިޙްތިޖާޖްތަކެއް ފަށާނެކަމުގެ އިންޒާރު ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދީފައިވެ އެވެ. ބުކީނާފާސޯގެ ވެރިކަން އަސްކަރީ އިންގިލާބެއްގައި އަތުލެއްވި އެގައުމުގެ ރިޔާސީ ގާޑުންގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް ޔައުގޫބާ އިސްޙާގް ޒައިދާ އަށް ސިފައިންގެ ތާއީދުއޮތްކަން ވަނީ ހާމަވެފަ އެވެ.
ބުކީނާފާސޯގެ ސިފައިންގެ އިސްކޮމާންޑަރުންނާއި އޮފްސަރުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އިއްޔެ ނެރެފައިވާ ބަޔާނުގައި އިންތިގާލީ މަރްޙަލާގައި ގައުމުގައި ވެރިކަން ކުރުމަށް ސިފައިންގެ ތާއީދުއޮތީ ލެފްޓިނެންޓް ކާނަލް ޔައުގޫބާ އިސްޙާގް ޒައިދާއަށް ކަން ބަޔާންކޮށްފައިވެ އެވެ. ޒައިދާ އަށް ތާއީދުކުރާ ސިފައިންގެ އެހީގައި އޭނާ ވެރިކަމުގެ ބާރުތައް އަތުލެއްވީ އެގައުމުގެ ރައީސް ބެލޭޒް ކަންބައުރީ މިދިޔަ ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުން ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އުނޫރިޔާ ތްރާވްރީ ގައުމުގެ ވެރިކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވިކަން އިއްލާން ކުރެއްވުމާ ގުޅިގެންނެވެ. ބުކީނާފާސޯގެ ދައުލަތުގެ ކޮންޓްރޯލް މިހާރު އޮތީ ޒައިދާގެ އަތްޕުޅުގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ވެރިރަށް ވަގަޑޫގޫ އިން ލިބޭ ޚަބަރުތައް ބުނާ ގޮތުން އެރަށް އޮތީ ހަމަނުޖެހުންތަކެއްގެ ކޮޅުމަތީގަ އެވެ.
ހަތާވީސް އަހަރުވަންދެން ބޯކީނާ ފާސޯގައި ވެރިކަން ކުރެއްވި ރައީސް ބެލޭޒް ކަންބައުރީގެ ވެރިކަމާ ދެކޮޅަށް މިދިޔަ ހަފްތާގައި ރައްޔިތުން ތެދުވުމާ އެކު އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވައި އާއިލާއާ އެކު އަވަށްޓެރި އައިވަރީ ކޯސްޓަށް ވަޑައިގެން ސިޔާސީ ޙިމާޔަތް ހޯއްދަވާފަ އެވެ. ބުކީނާފާސޯއާ އެންމެ ގާތްގުޅުންތައް އޮންނަ ފަރަންސޭސިވިލާތުން ވަނީ އަސްކަރީ އިންގިލާބު ބަލައިނުގަންނާނެ ކަމަށާއި އެކަމާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)