02 Nov 2014, 10:15
އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން މޮޅުވެ އާސެނަލް އިން ލީގުތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.
ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުން ލިބުނު މޮޅާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި އާސެނަލް އޮތީ 17 ޕޮއިންޓާއެކުގަ އެވެ. މެޗުން ބަލިވި ބާންލީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި އޮތް އިރު އެންމެ ކުރީގައި އަދިވެސް އޮތީ ޗެލްސީ އެވެ.
މެޗުގައި އާސެނަލް އިން ޖެހި ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލް 70 ވަނަ މިނުޓުގައި ޗިލީގެ ފޯވަޑް އެލެކްސިޒް ސަންޗޭޒް ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ދެ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިއާ ކަލަމް ޗެމްބާސް އެވެ. މިއީ 19 އަހަރުގެ އިނގިރޭސި ކުޅުންތެރިއާ އޭނާގެ ޕްރޮފެޝަނަލް ކްލަބް ކެރިއަރުގައި ޖެހި ފުރަތަމަ ލަނޑެވެ.
އާސެނަލް އިން ޖެހި ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ސަންޗޭޒް ކާމިޔާބުކޮށްދިން އިރު އެ ލަނޑާއެކު އޭނާ ވަނީ މި ސީޒަންގެ ޖެހި ލަނޑުގެ އަދަދު ހަތަކަށް އިތުރުކޮށްފަ އެވެ.
މެޗުގައި އާސެނަލް އިން ވަނީ ދެހާފުގައި ވެސް ބާންލީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މިގޮތުން ފުރަތަމަ ހާފުގައި މިޑްފީލްޑަރު ސެންޓި ކަޒޯލާ ފޮނުވާލި ހަމަލާތައް ބާންލީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސަންޗޭޒް ފޮނުވާލި ބާރު ހަމަލާ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށްދިޔައިރު ބާންލީގެ އޭރިއާ ތެރޭގައި ހުރެ ވެލްބެކް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބާންލީގެ ޑިފެންޑަރެކެވެ.
މެޗުގެ 80 ވަނަ މިނުޓުގައި އާސެނަލްގެ ފޯވަޑް ތިއޯ ވޮލްކޮޓް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. މިއީ އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް އާސެނަލް ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ބުނީ ބައިކޮޅަށް ލަނޑެއް ނުވަދެ މޮޅުވުމުން އުފާވާ ކަމަށާއި ސަންޗޭޒްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ އާސެނަލްގެ ސުއަރޭޒް ކަމަށާއި އޭނާގެ ފަރާތުން މި ސީޒަންގައި ޓީމަށް ވަރަށް ފައިދާވާނެ ކަމަށެވެ.
"ސަންޗޭޒް އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަށް ލިބިފައިވާ ހުނަރުތަކުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އެހާވެސް މޮޅު އޭނަ. ޓީމުގެ ސުއަރޭޒް އޭނާއަކީ. އޭނާގެ ފަރާތުން މި ސީޒަންގައި ޓީމަށް ވަރަށް ފައިދާ ކުރާނެ. ޖުމްލަ ގޮތެއްގައި ބައިކޮޅަށް ލަނޑެއް ނުވަދެ ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހޭ،" އާސެން ވެންގާ ބުންޏެވެ.