ބައެއް ބޭފުޅުން އޮޑިޓް ރިޕޯޓް ސިފަކުރަނީ "ޓައިމް ބޮމެއް"ގެ ގޮތުގަ އެވެ. އަނެއް ބަޔަކު އެ ރިޕޯޓުތައް ފާހަގަ ކުރަނީ ސިޔާސީ ބޭނުމަށް މީހުން ފަޟީހަތް ކުރާ އެއްޗެއްގެ ގޮތުގަ އެވެ. ދެން ތިބި ބަޔަކު ދެކޭ ގޮތުގައި އެ ރިޕޯޓްތަކަކީ ރައްޔިތުންނަށް ހަގީގަތް އަންގައިދޭ އެއްޗެކެވެ. މުޖުތަމައުގެ ބޮޑު އަގުލަބިއްޔަތު ބުރަވަނީ އޮޑިޓް ރިޕޯޓްތަކުގައި ހުންނަ ވާހަކަތަކުގެ މައްޗަށެވެ. އެތައް ފައިސާއެއް ހަރަދުކޮށްގެން ތައްޔާރުކުރާ އެ އޮޑިޓް ރިޕޯޓްތައް މިއަދު ވެފައި ވަނީ ނޫސްވެރިންގެ ލިޔުންތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗަކަށެވެ. އެނޫން ކަމެއް ވާހެނެއް ހިޔެއްނުވެ އެވެ.

އުފެދޭ ސުވާލަކީ ރައްޔިތުންގެ ފައިސާ އިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ނުދެވެނީ ކީއްވެގެންތޯ އެވެ؟ އެ މީހުން ހިޔާނާތް ވެފައިވާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓްތަކުގެ ބޭނުމެއް އެބައޮތްތޯ އެވެ؟

ސިޔާސީ ފަރާތްތަކުގެ ދުލުން ރައްޔިތުންނާ ދައްކާ ވާހަކަތަކުގައި މުޅިން ވެސް ބުނަމުން އައީ ރައްޔިތުންނަށް ޓަކައި އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރާނެ ކަމަށެވެ. ވެރިކަން ލިބުމުން ރައްޔިތުންގެ ހައްގުގައި އެތައް ގިނަ ގުނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ކޮންމެ ސިޔާސީ ބޭފުޅަކު ވެސް ދަނީ ވައުދުތައް ވަމުންނެވެ. ވޭތުވެ ދިޔަ ކުރު މާޒީގައި ވެސް ދިވެހިން ވަނީ ދެ ތިން ސަރުކާރެއް ދެކެފަ އެވެ. އުފެދޭ ސުވާލަކީ އެބޭފުޅުން އިސްކުރީ ރައްޔިތުން ތަރައްގީތޯ އެވެ؟ ނުވަތަ އަމިއްލަ އެދުންތޯ އެވެ؟

އޮޑިޓް ރިޕޯޓްތަކަށް ހިނގާށެވެ. ފަހުގެ ތާރީހެއްގައި އެންމެ ދިގު ވެރިކަމެއްކޮށްފައިވާ އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ބަލާ އިރު ވެސް ކޮރަޕްޝަނަށް ތުހުމަތުކެއްގެ އިނގިލި ދިއްކުރި އެވެ. އެގޮތުން ރައީސް މައުމޫންގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހީމާ މެދު ތުހުމަތުކުރާ އެފްޕީއައިޑީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ އިތުރުން ތީމުގޭ ބަޖެޓުން ކޮށްފައިވާ ބައެއް ހަރަދުތަކަކީ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮޑިޓް ރިޕޯޓްގައި އަޅުވާފައިވާ މައްސަލަތަކެވެ. މިނޫން ވެސް އެތައް އެތައް ތުހުމަތުތަކެއް އޮޑިޓް ރިޕޯޓްތަކުގައި ވަނީ ފެންމަތިކޮށްފަ އެވެ.

ދެން އައި ވެރިކަމަށް ބަލާލަމާތޯ އެވެ. ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ މައުމޫންގެ ވެރިކަމަށް ފާޑުކިޔަމުން ހަޖޫ ޖަހަމުންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމާ ގުޅޭ ގޮތުން ނުކުމެފައިވާ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު ގިނަ ދިމަދިމާލުން ހުރީ ފޫގޮސްފަ އެވެ. ކޮރަޕްޝަން ވަނީ ހައްދުން ނައްޓާފައި ކަމަށް އޮޑިޓް ރިޕޯޓްގެ ތުހުމަތުތަކުން އެނގެ އެވެ. އެ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު އެ ވެރިކަމުގައި ހުރިހާ ވެސް އުފަލަކާއި މޮޅެއް ލިބުނީ އެކުގައި އުޅުނު އެކުވެރިންނަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބައެއް ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ހައުސިން މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފޯން ބިލަށް 312،928ރ. ދައުލަތުން ކުރި ހަރަދާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބު އޮފީހަށް ހާޒިރުނުވެ، މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ނެގި މަަައްސަލަ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ސިއްހީ ދާއިރާ އަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ހެލްތު މިނިސްޓްރީން ހަވާލުކުރި، ޕާޓީގެ އިސް އެކްޓިވިސްޓުންތަކެއް ހަރަކާތްތެރިވާ އެފްޓެކް ކިޔާ ކުންފުންޏަކަށް، ނުގެންނަ ބޭސްތަކަކަށް ދިން، 11 މިލިއަން ރުފިޔާގެ ހިޔާނާތާއި ތިލަފުށި ހިއްކުމަށް، އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް ދިން 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ވެސް ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކެކެވެ. ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުގައި 4.5 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ތުހުމަތުކުރެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ކުއްލި ނިމުމަކަށް ފަހު ދެން ވެރިކަމާއި ހަވާލުވެ ވަޑައިގަތް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅާ ގުޅޭ ގޮތުން އަދި މިހާތަނަކަށް މާ ގިނަ އޮޑިޓް ރިޕޯޓްތަކެއް ނުކުމެފައެއް ނުވެ އެވެ. ނަމަވެސް ނުކުމެފައިވާ އޮޑިޓް ރިޕޯޓަށް ބަލާ އިރު ގާނޫނާއި ގަވައިދާ ހިލާފު ބައެއް ކަންތައްތައް ހިންގާފައިވާކަން އެނގެ އެވެ. އެގޮތުން މިހާތަނަށް ނުކުމެފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސީމެގް އިން ރާއްޖޭގެ މައްސަލައެއް ބެލުމުން އެކަމާ ގުޅިގެން އެ އޮފީހުން ރާއްޖެ އިން ބޭރުގެ ގާނޫނީ މާހިރަކަށް 1.2 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން އެ އޮފީހުން މާލިއްޔަތު ގަވައިދާއި ހިލާފަށް ފްލައިޓް ޓިކެޓް ގަތުމަށް 45،994ރ. ހޭދަކޮށްފައިވުމާއި އޭޖީ އޮފީހަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން ފަދަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިންގާފައިވާ ގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމު ކުރަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތުގައި ހުރިހާ އޮޑިޓް ރިޕޯޓެއް ނުނިކުމެ އެވެ. އަދި ނުކުންނަ އޮޑިޓް ރިޕޯޓްތަކުގައި ވެސް ހުންނަނީ ބޮޑެތި މައްސަލަތަކެކެވެ. ދިވެހި ރައްޔިތުންގެ ފައިސާ އިން އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްވެފައިވާ ކަމަށް ގިނަ އޮޑިޓް ރިޕޯޓްތަކަކުން ހެކިދެ އެވެ.

އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމަށް އޮޑިޓް އޮފީހަށް ދައުލަތުން ދަނީ އެތައް ހޭދައެއް ކުރަމުންނެވެ. މި އަހަރު މިހާތަނަށް އޮޑިޓާ ޖެނެރަލް އޮފީހުން 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މިއަންނަ އަހަރަށް އޮޑިޓާ ޖެނެރަލް އޮފީހަށް 46 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މި ވަނީ ދާދިފަހުން ފާސްކޮށްފަ އެވެ. އެ އަދަދަށް ބަލާލި ނަމަވެސް އެތައް ލައްކަ ރުފިޔާއެއް ވަކިވަކި ކޮންމެ ރިޕޯޓަކަށް ވެސް ހަރަދުވާކަން ހާމަވެ އެވެ. ދިވެހި ދައުލަތުން މިހާބޮޑު ހޭދައެއް އޮޑިޓް ރިޕޯޓްތަކަށް ކުރާ އިރު މިއީ ބޭކާރު ނޫން ކަމަކަށް ހަދަން ޖެހެ އެވެ. ނަމަވެސް ކަން ވަނީ އެހެންބާ އެވެ؟

އޮޑިޓާ ޖެނެރަލް އޮފީހުން މިހާތަނަށް ނެރެފައިވާ ރިޕޯޓްތަކަކީ "ފޫނެއްފަޔަށް ފެން ފުރުން" ކަހަލަ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިބްރާހިމް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. "މިހާތަނަށް ކަންތައްތައް ވެފައިވަނީ ތިޔަ ވިދާޅުވި ގޮތަށް، [ފޫނެއް ފަޔަށް ފެންފުރާ ގޮތަށް]. މިގޮތަށް މިކަންތައްތައް ހިނގަނީ ދައުލަތުގެ ތެރޭގައި ޕަބްލިކް އެކައުންޓަބިލިޓީ ޕްރޮސެސްގެ ކަންތައްތައް ރޭވިފައިވާ ގޮތަށް ބަލާ އިރު އެ ހުރިހާ ގުނަވަނަކުން މަސައްކަތް ކުރަން ޖެހޭ ގޮތުގައި މަސައްކަތް ނުކުރެވުމުގެ ސަބަބުން،" އޮޑިޓާ ޖެނެރަލް ނިޔާޒު ވިދާޅުވެފައިވެ އެވެ.

ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުންނާއި އެ މީހުން ހިޔާނާތްވެފައިވާ ފައިސާގެ ބޮޑެތި އަދަދުތައް ހާމަކުރަމުން އޮޑިޓް އޮފީހުން ދޭތެރެ ދޭތެރެއިން ދަނީ ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެމުންނެވެ. ނަމަވެސް ހަގީގަތަކީ އެއީ ހަމައެކަނި ލިޔެފައި އޮންނަ ލިޔުމެއް ކަމަވެ، ނިމުމެވެ. ހިޔާނާތްތެރިވި ފަރާތްތަކަށް ދޭންޖެހޭ އަދަބު އޮންނަނީ ނުދެވި އެވެ. އަދަބް ދެވިފައި ވަނީ ވަރަށް މަދު މައްސަލައަކަށެވެ. އަދި މަދު މައްސަލައެއް ބެލޭ އިރު ގިނަ މައްސަލަތައް ވީނުވީއެއް ނޭނގެ އެވެ.

އަދަބު ނުދެވުމާ ގުޅޭ ގޮތުން އޮޑީޓާ ޖެނެރަލް ނިޔާޒް ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތަކީ މިނިވަންކަމާ އެކު މުއައްސަސާތައް އޮޑިޓްކޮށް ހާމަކުރުން ކަމަށާއި ގާނޫނު ބުނާ ގޮތުން ދައުވާ ކުރުމަކީ މައިގަނޑު ގޮތެއްގައި އޮޑިޓް އޮފީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ކަމަށެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި މައްސަލަތަކެއްވާ ނަމަ އެކަންތައް ތަހުގީގު ކުރުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެސް ޒިންމާއަކަށްވާ އިރު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ނުހުއްޓުވި ވަރަށް ބާރަށް ދަނީ އިތުރުވަމުންނެވެ. އެ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ ފިޔަވަޅު އެޅުން އަވަސް ކުރަން ޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި ހިތާމައަކީ އެބޭފުޅުން ތަހުގީގު ކުރާ މައްސަލަތަކަށް ފިޔަވަޅު އެޅޭ މިންވަރު ލަސްވުން ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރާ މައްސަލަތަކުގައި ވާހަކަތަކެއް މައްޗަށްވުރެ ބޮޑަށް، ހިފޭ ގޮތަށް އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށްފައި ނުހުންނަ ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ރިޕޯޓްތަކުގައި ފާހަކަގަކޮށްފައިވާ ގިނަ ސިޔާސީ ފަރާތްތަކާ މެދު ޝަރީއަތް ނުހިންގުންމުން އެ އޮޑިޓް ރިޕޯޓްތަކުގައި ބުނެފައިވާ ވާހަކަތަކީ ދޮގެއްކަން ނުވަތަ ނޫންކަން ވަނީ ސާބިތު ކުރުމަށް އުނދަގޫވެފަ އެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ދެކެލައްވާ ގޮތުގައި އޮޑިޓް ރިޕޯޓްތައް ތައްޔާރު ކޮށްފައި ހުންނަނީ ރަނގަޅަށެވެ. އެ ރިޕޯޓަތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ މެދު ފިޔަވަޅު ނޭޅިފައި ވަނީ "ދުސްތޫރީ ނިޒާމް" ފެއިލްވެފައި ވުމުން ކަމަށް ޝާހު ދެކެލައްވަ އެވެ. އެގޮތުން ސިޔާސީ ފަރާތްތަކަކީ ބާރުގަދަ ފަރާތްތަކަށް ވުމުން އޮޑިޓް ރިޕޯޓްތަކުން ބުނާ މައްސަލަތަކަށް ޖަވާބު ހޯދަން ސަރުކާރުތައް ވަނީ ފެއިލްވެފައި ކަމަށް ޝާހު ދެކެވަޑައިގަންނަވަ އެވެ.

"[ރިޕޮޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް] އެބަޖެހޭ ގުނަވަންތައް ވަރުގަދަވާން، މީގައި ދެގޮތެއްވާނީ، އެއްގޮތަކީ ރިޕޯޯޓް ތައްޔާރު ކުރި މީހުން ގޯސްވުން ނޫނީ ތުހުމަތު ކުރެވޭ މީހާއަށް އަދަބު ލިބުން،" ޝާހް ވިދާޅުވި އެވެ.

ގާނޫނީ ފަރާތްތަކުގެ ވާހަކަ އެނގޭ ގޮތުން އޮޑިޓް ރިޕޯޓްތަކުގައި ހިޔާނާތް ވެފައި ކަމަށް ބުނެފައިވާ ފަރާތްތަކަށް އަދަބު ނުދެވިފައި ވަނީ އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވުމުން ސިޔާސީ ބާރު ގަދަވުމުންނެވެ. އަދަބު ނުދެވޭ ނަމަ ދައުލަތުން ހަރަދުތަކެއް ކޮށްގެން އޮޑިޓް ރިޕޯޓްތަކެއް ތައްޔާރު ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

އޮޑިޓް ރިޕޯޓްތަގައި އެތައް ތުހުމަތެއް އަދި ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ހިމަނާފައިވާ އިރު އެ ފައިސާ ހޯދުމަށް މަސައްކަތް ނުކުރެވޭ ނަމަ ނުވަތަ އެ ފައިސާތަކަށް ހިޔާނަތްވާ ފަރާތްތަކަށް އަދަބު ނުދެވޭ ނަމަ އޮޑިޓް ރިޕޯޓްތައް ނެރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ނޫނީ އޮޑިޓް ރިޕޯޓްތަކުގެ ފެންވަރު ދަށްވެގެން އަދަބު ނުދެވޭ ނަމަ އެއީ ވެސް މައްސަލައެއްް ނޫންތޯ އެވެ. ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްވާ ފަރާތްތަކަށް އަދަބު ލިބިގެން ޖެހެ އެވެ. ނޫނީ "މޫލާފައިވާ" އެ ނުބައި އާދަ ފިލުވައެއްް ނުލެވޭނެ އެވެ.