02 Nov 2014, 09:30
ލޭގޮސް (ނޮވެމްބަރު 2): މީހުން ވަގަށްނެގުމާއި އަޅުވެތިކުރުމާ އަދި މަގުފޭރުމުގެ ޖަރީމާތައް ފުޅާދާއުރާއެއްގައި ހިންގަމުން ގެންދާ ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުން މީގެ ހައެއްކަ މަސްކުރިން ވަގަށް ނެގި 200 އަށް ވުރެ ގިނަ އަންހެން ކުދިންގެ ތެރެއިން ގިނަކުދިން އެޖަމާއަތުގެ ހަނގުރާމަވެރިންނާ ކައިވެނި ކުރުވާފައިވާކަން ހާމަވެއްޖެ އެވެ.
ބޫކޫހަރާމް ޖަމާއަތުގެ ލީޑަރު އަބޫބަކުރު ޝީކާވްގެ ނަމުގައި ނެރެފައިވާ އޯޑިޔޯ ޓޭޕަކާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އެޖަމާއަތުން ވަގަށްނަގާފައިވާ 200 އަށް ވުރެ ގިނަ ނަސާރާ އަންހެންކުދިން އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށާ އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބައަށް ވުރެ ގިނަ އަންހެންކުދިން އެޖަމާއަތުގެ ހަނގުރާމަވެރިންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާ ކަމުގަ އެވެ. ވަގަށްނަގާފައިވާ އަންހެންކުދިން ހަނގުރާމަވެރިންނާ ކައިވެނިކުރީ އެކުދިންގެ ރުހުމުގައިކަން ނޫނީ ހަތިޔާރުން ބިރުދައްކައިގެންކަން ސާފުވެފައެއް ނުވެ އެވެ. ނައިޖީރިޔާގައި ޝާއިޢުކޮށްފައިވާ މީޑިއާ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިންނާ ކައިވެނިކޮށްފައިވާ ބައެއް އަންހެންކުދިން މިހާރު ވަނީ ބަލިވެވެސް އިނދެފަ އެވެ.
ބޫކޫ ހަރާމް ޖަމާއަތުންވަނީ މިއަންހެންކުދިންތައް ވަގަށް ނަގައި ތަޢްލީމުން ވެސް އެކުދިން މަޙްރޫމް ކުރުމުގެ އިތުރުން މައިންބަފައިންގެ ލޯބިންވެސް އެކުދިން މަހްރޫމްކޮށް އަޅުވެތިކޮށްފަ އެވެ. އަބޫބަކުރު ޝީކާވްގެ ނަމުގައި ނެރެފައިވާ އޯޑިއޯ ޓޭޕްގައި ވަގަށް ނަގާފައިވާ އަންހެން ކުދިން މިނިވަންކުރުމާ ބެހޭ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.
ބޫކޫހަރާމް ޖަމާއަތުގެ ލީޑަރު އަބޫބަކުރު ޝީކާވް މަރާލެވިއްޖެކަން ނައިޖީރިޔާ ސަރުކާރުން މީގެ ދެމަސް ކުރިން ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް އޭނާގެ ސިފަޖެހިގެން އެޖަމާއަތުގެ ބައެއްލީޑަރުން އުޅެފާނެ ކަމަށް އެގައުމުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ. ނައިޖީރިޔާގެ ސަރުކާރުން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ބޫކޫހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ މޭމަހު އެގައުމުގެ އަންހެންކުދިންގެ ބޯޑިންގް ސްކޫލަކަށް ހަތިޔާރާ އެކު އަރައިގަނެ އެސްކޫލްގެ ދަރިވަރުންގެ ތެރެއިން ވަގަށް ނެގި 200 އަށް ވުރެ ގިނަ އަންހެންކުދިން މިނިވަން ކުރުމަށް އެޖަމާއަތުން އެއްބަސްވެފައިވާ ކަމުގަ އެވެ. އަދި ބޫކޫހަރާމް ޖަމާއަތުން ނައިޖީރިޔާގެ އާންމުންނާ ދެކޮޅަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތައް ވެސް ހުއްޓާލައި ސުލްހައިގެ މަގު ޚިޔާރު ކުރުމަށް އެޖަމާއަތުން އެއްބަސްވެފައިވާ ކަމަށް ވެސް ނައިޖީރިޔާގެ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)