ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް އެ ކްލަބުގައި ބަހައްޓަން ބޭނުންކަމަށާއި، އޭނާގެ ކޮންޓްރެކްޓް މުއްދަތު އިތުރު ކުރަން ހުށަހަޅާނެ ކަމަށް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ބްރެންޑަން މިހެން ބުނެފައި ވަނީ ސްޕޯޓްސްމެއިލްއަށް ޖެރާޑް ދިން އިންޓަވިއުއެއްގައި، އަންނަ ސީޒަންގައި އޭނާ އެހެން ކްލަބަކުން ފެނިދާނެ ކަމުގެ ފުރުސަތު އޮތްކަމަށް ބުނެފައި ވަނިކޮށެވެ. ލިވަޕޫލާ އެކު ޖެރާޑް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫންގައެވެ.

"މި ސީޒަނަށްފަހު އަހަރެން ރިޓަޔާއެއް ނުކުރާނަން. ނަމަވެސް ދެން އަހަރެން ފެންނާނީ ލިވަޕޫލުންތޯ ނޫނީ ނޫންތޯ ނިންމުން އެއީ ލިވަޕޫލްގެ ނިންމުމެއް،" އޭނާ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ލިވަޕޫލްގެ ކޯޗް ބްރެންޑަން ބުނެފައިވަނީ، އޭނާ ގަބޫލުކުރާގޮތުގައި ދެން އަންނަ ސީޒަންގައިވެސް ޖެރާޑް ފެންނާނީ ހަމަ އެ ކްލަބުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ލިވަޕޫލުން ޖެރާޑްގެ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަތަށް ނުފަށައިފިނަމަ، އޭނާއަށް އެހެން ކްލަބްތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ބޮޑެވެ.

މި ސީޒަންގައި ލިވަޕޫލަށް ވަނީ އެޓީމްގެ އެޓީމްގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ވެސް ގެއްލިފައެވެ. މީގެ އިތުރުން އެޓީމަށް ވަނީ އާ ނުވަ ކުޅުނތެރިން ގެނެސްފައިވެސް ވެއެވެ.

"އާ ކުޅުންތެރިންތަކެއް އެއްފަހަރާ ގެނެވުމަކީ އެހާ ރަނގަޅު ގޮތެއް ނޫން. ނަމަވެސް އެއީ އަހަރުމެން ކުރަން ޖެހުނު ކަމެއް. ކުރީގަ ތިބި ކުޅުންތެރިންނާއެކީ އަހަރުމެންނަކަށް ކުރިއަކަށް ނުދެވޭނެ،" ކޯޗު ބްރެންޑަން ބުންޏެވެ.

ލިވަޕޫލްގެ މިޑްފީލްޑަށް ކުޅެމުން އަންނަ ކެޕްޓަން ޖެރާޑް ފުރަތަމަ ލިވަޕޫލަށް ކުޅެން ފައްޓާފައިވަނީ 1987ގައި އެ ކްލަބްގެ ޔޫތު ޓީމަށެވެ. އަދި 1998ގައި ސީނިއާ ޓީމަށް ކުޅެން ފެށިފަހުން އޭނާ ޖެރާޑް ވަނީ ލިވަޕޫލަށް މިހާތަނަށް 482 މެޗު ކުޅެފައެވެ.