02 Nov 2014, 08:29
ދިރާގު ދިވެހި ލީގުގައި ރޭ ކްލަބް އީގަލްސް އަތުން 0-1 ލަނޑުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ލީގު ކަށަވަރުކުރުމާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ޗެމްޕިއަން ނިއުއަށް ލީގުގައި ބާކީ ދެމެޗު ކުޅެން އޮއްވައި ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި އެޓީމު އޮތީ 48 އެވެ. ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިފައި ވަނީ، 44 ޕޮއިންޓެވެ.
ލީގުގެ ފަހު މެޗުގެ މާޒިޔާއާ ނިއު ބައްދަލުކުރާން ޖެހޭއިރު، އޭގެ ކުރިން ނިއު ކުޅޭ މެޗުގައި އެޓީމު ވާދަކުރާނީ މަހިބަދޫ ސްޕޯޓްސްއާއެވެ. އަދި މާޒިޔާ ކުޅެން ޖެހޭނީ އީގަލްސްއާ ދެކޮޅަށެވެ. މި މަހު ހަތަރު ވަނަ ދުވަހު ހަވީރު އީގަލްސް އަތުން މާޒިޔާ ބަލިވިޔަސް ނިއުއަށް ލީގު ކަށަވަރުވާނެ އެވެ.
ރޭގެ މެޗްގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 11 ވަނަ މިނިޓްގައި މުޙައްމަދު އުމޭރު ކޯނަރަކުން އީގަލްސް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެން އަކްރަމް އަބްދުލްޣަނީ (އަކޫ) އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ނިއުއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައި، އީގަލްސްގެ ގޯލަށް އެކިފަހަރުމަތިން ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފްގެ ސަތާރަވަނަ މިނިޓުގައި އީގަލްސްގެ ނޫމާންއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ދާގަނޑުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭގޮތް ނުވެފައެވެ. އިސްމާއީލް އީސާ (މެސީ) ހިލޭ ޖެހުމަކުން ތަނަވަސް ކޮށްދިން ފުރުސަތަކުން ނޫމާން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިންނެވެ.
މިހާފްގެ ފަހު ވަގުތުކޮޅުތެރޭ އީގަލްސްގެ އަދުހަމް ވަނީ ނިއުގެ ޕެނެލްޓީ އޭރިޔާތެރެއިން އެޓީމްގެ ގޯލަށް ނުރައްކާތެރި ދެހަމަލާ ފޮނުވާލާފައެވެ.
ދެވަނަ ހާފް ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކުރުމަށް އީގަލްސްގެ ފުރުގާނަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށްވަނީ އެންމެ ރަނގަޅުގޮތުގައި ނުހިފިފައެވެ.
މިހާފްގައިވެސް ނިއުއިން ވަނީ ރަނގަޅު ފުރަސަތުތަކެއް އުފައްދައި، އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ނިއުގެ ބަދަލު ކުޅުންތެރިޔާ ޑޭން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މެޗް ނިމިފައި ވަނީ ނިއުގެ ދިހަ ކުޅުންތެރިންނާއެކު ކަމުގައި ވީނަމަވެސް، ފުރިހަމަ ވަގުތު ހަމަވެ މެޗު ނިމިގެން ދިޔައީ 1-0 ލަނޑުން ނިއު ތިން ޕޮއިންޓް ކަށަވަރުކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިގެންނެވެ.
ދިވެހި ލީގުގެ މެޗެއް ދެން ކުޅޭނީ، އަންނަ އަންގާރަ ދުވަހު ހަވީރު 4:00ގައެވެ. އެ މެޗުގައި ބައްދަލު ކުރާނީ، ކްލަބް ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.